ޚަބަރު

2 ދުވަހުގެ ތެރޭ ގޯއްޗާއި ފްލެޓަށް އެދި 2000 ވުރެ ގިނަ އެޕްލިކޭޝަން


  • މިފަހަރު 4000 ގޯއްޗާއި 6000 ފްލެޓް ދިނުމަށް ހަމަޖެހިފައިވޭ

  • މިހާތަނަށް 1399 މީހަކު ގޯއްޗަށް ކުރިމަތިލާފައި، 1047ފްލެޓަށް ކުރިމަތިލާފައި

  • އަންނަ މަހުގެ 24 ގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ

ސަރުކާރުން ކުރިއަށްގެންދަވާ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން 2 ދުވަހުގެ ތެރޭގައި 2000އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ.

"ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓްއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަދުވަހުގައެވެ. މި ބުރުގައި މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން ވިދާޅުވީ މިހާތަނަށް 2446 މީހުން ގޯއްޗާއި ފްލެޓަށް އެދިފައިވާކަމަށެވެ. އޭގެ ތެރެއިން 1399 މީހަކު ގޯއްޗަށް ކުރިމަތިލާފައިވާކަމަށާއި 1047 މީހަކު ފްލެޓަށް ކުރިމަތިލާފައިވާކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ފިޔަވަހީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފުލެޓް ދޫކުރުމަށްވެސް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި ގިރާވަރު އުތުރުފަޅުން ބޯހިޔާވަހިކަމަށް ޚާއްސަކޮސްގެން 215 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ގޯތި ދޫކުރަން 5.5 މިލިޔަން އަކަފޫޓުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓެވެ.

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައިވާ މީހަކަށް ވެގެންނުވާނެއެވެ.

މިފަހަރު ހުޅުވާލާފައިވާ ފުރުޞަތުގައި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހިފައިތިބި 20 އަހަރުވެފައިވާ މީހުންނާވެސް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެއެވެ. އަދި ފެލްޓަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނާށާއި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރަށް ސަރުކާރުން މިހާރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 15 އަހަރުވެފައިވާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދިނުމަށްވެސް ނިންނަމަވާފައެވެ.

ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.