ޚަބަރު

އެޗްޑީސީގެ ޗައިލްޑް ކެއަރ ސެންޓަރ ރައީސްގެ އަނބިކަބަލުން ހުޅުވައިދެއްވައިފި


  • މިއީ އުފާވެރި އާއިލާއެއް ބިނާކުރުމަށް މި ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެއް.

  • އެޗްޑީސީގެ އިތުރުން ސަރުކާރުގެ އެހެން 2 ކުންފުންޏެއްގައިވެސް މިފަދަ ސެންޓަރު ވަނީ ޤާއިމްކޮށްފައި

މަސައްކަތު ގަޑީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މުވައްޒަފުންގެ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ސެންޓަރެއް ހުޅުވައިފިއެވެ.

އެޗްޑީސީގެ ޗައިލްޑް ކެއަރ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މިތަން ހުޅުވައިދެއްވުމަށްފަހު އެކަމަނާ ވަނީ އެ ސެންޓަރުގައި އެވަގުތު ތިބި ތުއްތު ކުދިންނާއެކު ވަގުތުގޮޅެއް ހޭދަކުރައްވާފައެވެ.

އޮފީސް މާހައުލުގައި މުވައްޒަފުންނަށް ދަރިން ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް މިފަދަ ޗައިލްޑް ކެއަރ ސެންޓަރުތައް ހުޅުވުމަކީ މި ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. އެޗް.ޑީ.ސީގައި ހުޅުވި މި ޗައިލްޑް ކެއަރ ސެންޓަރުގައި ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުޞަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާޙައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހުޅުވާ ތަންތަނެކެވެ.

އެޗް.ޑީ.ސީ ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށްފަހު ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މި ސެންޓަރުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިން ތިބޭ މުވައްޒަފުން އެމީހުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެކުދިން ބެލޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުންކަމަށެވެ. ކުރިއަށްއޮތް ތަނުގައި ހިޔާލަށް ބެލުމަށްފަހު މި ތަން އިތުރަށް ތަރައްޤީކުރެވިގެންދާނެކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

"މީގެ ބޭނުމަކީ މުވައްޒަފުންނަށް ޙާއްސަކޮށް ބެލެނިވެރިންނަށް އެފަރާތްތަކުގެ ތުއްތު ކުދިން އޮފީސް މާހައުލުގައި އޮފީސް މަސައްކަތް ކުރާއިރު އެ ކުދިންނަށް ޓޭކްކެއަރ ކުރާނެ ގޮތެއް ހަމަޖެއްސުން. އަޅުގަނޑުމެންގެ އަމާޒަކީ މިވަގުތު މިހެދޭ ސްޕޭސް އަދިވެސް އިތުރަށް ބޮޑުކުރުން. ގާތްގަނޑަކަށް 2000 އެއްހައި މުވައްޒަފުން މިވަގުތު އާރބަންކޯގައި މަސައްކަތް ކުރަމުންދާއިރު ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީވެސް ހުޅުމާލޭގައި." އާތިފް ވިދާޅުވިއެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ޚާއްޞަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެއެވެ. އަދި އެތަން ޚާއްޞަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ.

މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެއެވެ. "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

މިފަދަ ފުރަތަމަ ސެންޓަރު ހުޅުވީ ސްޓެލްކޯގައެވެ. އަދި އޭގެފަހުން އެމްޕީއެލްގައިވެސް ވަނީ ޗައިލްޑް ކެއަރ ސެންޓަރެއް ހުޅުވާފައެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތަށާއި، ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ވެސް ފަހިކޮށްދެއްވާފައެވެ. އަދި ސަރުކާރުގެ މަސްއޫލުވެރި ޒިންމާދާރު މަޤާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އިސް މަޤާމުތަކުގައި ތިބޭ އަންހެނުންގެ ޢަދަދު ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ޤާނޫނުތައް އިސްލާހުކޮށް، އިންތިޚާބީ މަޤާމުތަކުގައި ތިބޭ އަންހެނުން އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.