ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ފުރަތަމަ ބުރަށްވުރެ ދެގުނަ އިތުރު


  • އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓަރކޮށްފައިވަނީ މެލޭޝިއާއަށް

  • ފުރަތަމަ ބުރު ރަޖިސްޓަރ ކުރީ 3327 މީހުން، މިފަހަރު 6223 މީހުން

  • 5 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު ފުރަތަމަ ބުރަށްވުރެ ދެގުނަ އިތުރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި 6223 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ފުރަތަމަ ބުރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށްވުރެ 2896 މީހުންގެ އިތުރުވުމެކެވެ.

ފުރަތަމަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ 3327 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާ ގޮތުގައި ވޯޓު ފޮށިތައް ބަހައްޓާ ކޮންމެ ޤައުމެއްގައިވެސް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދުވެސް 2 ގުނަ އިތުރެވެ.

ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ މެލޭޝިޔާގައި ބަހައްޓާ ވޯޓުފޮށިތަކަށެވެ.

ފުރަތަމަ ބުރުގައި ރަޖިސްޓްރީވީ މީހުންގެ އަދަދު:

• ޔޫއޭއީ : 171 މީހުން
• ޓްރިވެންޑްރަމް : 417 މީހުން
• ކޮލަމްބޯ : 851 މީހުން
• ކުއަލަލަންޕޫރް : 1423 މީހުން
• ލަންޑަން : 465 މީހުން

ދެވަނަ ބުރުގައި ރަޖިސްޓްރީވީ މީހުންގެ އަދަދު:

• ޔޫއޭއީ : 442 މީހުން
• ޓްރިވެންޑްރަމް : 1063 މީހުން
• ކޮލަމްބޯ : 1310 މީހުން
• ކުއަލަލަންޕޫރް : 2520 މީހުން
• ލަންޑަން : 888 މީހުން


ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ރާއްޖެއިން ބޭރުގައި 5 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި އެ 5 ޤައުމުގައި ޖުމުލަ 9 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލާނެ ވަގުތުތައްވެސް އާއްމުކުރައްވާފައެވެ. އެގޮތުން އަބޫދާބީގައި ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 0830 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ކުރި 11 ޖަހާއިރުގައެވެ.

އަބޫދާބީގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރުގައެވެ. އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑި 8 ޖަހާއިރުކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚަބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.