ޚަބަރު

ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދުގެ ތާއީދުވެސް ރައީސް ޞާލިޙަށް


  • ތަރައްޤީއާއި ތަހުޒީބުކަން ރައީސް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވި

  • ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދަކީ ޖޭޕީގެ ކައުންސިލް މެންބަރެއް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު ނިންމަވައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެންޑޯސްކުރައްވާފައިވާކަން ޢަބްދުﷲ އަޙްމަދު ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކުރައްވާފައެވެ.

ރައީސަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވީ، ތަޢުލީމީ އަދި އުފެއްދުންތެރި ބަޔަކަށް ހަދާ، ޢުމްރާނީގޮތުން ތަރައްޤީވެ، އަސާސީ ޚިދުމަތްތައް ތިޔާޤި، ޒަމާނީ ތަހުޒީބީ އިންތިޒާމް ތަކަކުން ތަރުތީބު ވެފައިވާ ބަޔަކަށް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތުމުންކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްވެސްމެއެވެ. ޖުމްހޫރީ ޕާޓީގެ އިސްސަފުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންތަކެއް ދާދިފަހުންވެސް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާޢީދުކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.