ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. މިއާއެކު ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީގެ ކަރަންޓު ޚިދުމަތް ދިނުމާ އެކުންފުނިން މިހާރު ވަނީ ހަވާލުވެފައެވެ.
ސްޓެލްކޯއިން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެސީޓީގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ އެވެ.
ދިދަ ނެންގެވުމަށް ފަހު މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ޑރ. އަޒުވަރު ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ދަނީ ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ފަހަރަކު ރަށަކުން ރަސްމީކޮށް ހަވާލުވަމުންނެވެ. މިގޮތުން މިހާރު ރާއްޖޭގެ އުތުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު ޚިދުމަތާއިވެސް ހަވާލުވެފައެވެ. އެކުންފުނިން މަސައްކަތް ކުރަމުންދަނީ، މިހާރު ހަވާލުވެ ނުވެހުރި ރަށްތަކުގެ ޚިދުމަތްތަކާއި އަވަހަށް ހަވާލުވުމަށެވެ.
ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައެވެ.