ޚަބަރު

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ


  • ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބޭ

  • ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ ހެނދުނު 9:00 އިން 16:00އަށް

  • ކެންޑިޑޭޓްގެ ބަދަލުގައި މީހަކު ސޮއިކުރާނަމަ ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންދަންޖެހޭ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މާދަމާ ހަވީރުގެ ނިޔަލަށް ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު މާދަމާ ހެނދުނު 9:00 އިން ހަވީރު 16:00 އަށް ހުޅުވާލާފައިވާކަމަށެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނައުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަންނަވައެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.