ޚަބަރު

އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ، މިދަނީ މޮނިޓަ ކުރަމުން: އެޗްޕީއޭ


  • މި ވައިރަސް ފެތުރެމުންދަނީ ދިވެހިންވެސް ގޮސްއުޅޭ ކެރެލާ ސްޓޭޓުގައި

  • އެ ސަރަހައްދުން ފެނިފައި ވަނީ މަދު ކޭސްތަކެއް

  • ނިޕާ ވައިރަހަކީ ވަރަށް ހަލުވިކަމާ އެކު ގައިންގަޔަށް އަރާ ނުރައްކާތެރި ވައިރަހެއް

ނިޕާ ވައިރަސް (އެންއައިވީ) އިންޑިއާގައި ފެތުރޭތީ، އެކަން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ނިޕާ ވައިރަސް ފެތުރެމުން ދަނީ ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކުގައި ދިވެހިންވެސް ގޮސްއުޅޭ ކެރެލާ ސްޓޭޓްގައެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ ކެރެލާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ ސްޓޭޓުގައި ދިވެހިން މަދުން ނަމަވެސް ގޮސްއުޅޭ ސަރަހައްދުތަކުން ފެނިފައި ވަނީ މަދު ކޭސްތަކެއް ކަމަށެވެ. އެހެންނަމަވެސް ކިހާ ކޭސްތަކެއްކަމެއް އަދި އެނގިފައި ނުވާކަމަށެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އެ ބަލި ޖެހުން ދުރު ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

"އެ ސަރަހައްދަކީ ދިވެހި އާންމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫން. ދެން އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން މިދަނީ. މިކޮޅުގައި މިހާރުވެސް މޮނިޓަރިންގެ މަސައްކަތް ކުރިއަތް ދަނީ" އެޗްޕީއޭއިން ވިދާޅުވެއެވެ.

ނިޕާ ވައިރަހަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ވައިރަހެކެވެ. އެންމެ ފަސޭހައިން މި ބަލި ފެތުރެނީ ހަށިގަނޑުން ބޭރުވާ ދިޔައިގައި ޖެހުމުންނެވެ. ނުވަތަ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފުށުންނެވެ. ޢާންމުކޮށް މި ބަލި ޖެހޭ ޖަނަވާރުތަކުގެ ތެރޭގައި އޫރާއި ވައު ހިމެނެއެވެ.

މިއީ 2018 ވަނަ އަހަރަށް ފަހު ކެރަލާގައި މި ބަލި ފެތުރިގެން ދިޔަ 4 ވަނަ ފަހަރުކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ފަހަރު ބަލި ފެތުރެން ފަށާފައިވާ ކަން ފާހަގަ ކުރެވިފައި ވަނީ އޮގަސްޓު މަހުއެވެ. އެ މަހުގެ 30 ވަނަ ދުވަހު މި ވައިރަސްގެ ސަބަބުން އެކަކު މަރުވެފައިވެއެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ ސިންގަޕޫރާއި މެލޭޝިޔާއިންނެވެ. އެއީ، 1999 ވަނަ އަހަރުއެވެ.