ޚަބަރު

މަތީ ތަޢުލީމު ޙާސިލުކުރުމަށް ލޯނަށް އެދުނު 1275 ދަރިވަރަކަށް މިއަހަރު ލޯނު ދެނީ


  • ޝަރުޠު ހަމަވާ 1275 ދަރިވަރަކަށް މިއަހަރު ލޯނު ލިބޭ

  • ފައިސާ ހަމަޖެހޭނީ ލޯނު ފައިސާ ދޫކުރުމަށް އެދޭ ފޯމް ހުށައެޅުމުން

  • ހުރިހާ ލިޔެކިޔުމެއް ހަމަވެއްޖެނަމަ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ

މިއަހަރު މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވާ 1200 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

މަތީ ތަޢުލީމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ސްޓޫޑެންޓް ލޯނުގެ ފުރުޞަތު ސަރުކާރުން އަންނަނީ ފަހިކޮށްދެއްވަމުންނެވެ. މިގޮތުން މިއަހަރުވެސް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވާ 1275 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތަށް ލޯނަށް އެދި ހުށައެޅި ކުދިންގެ ތެރެއިން އެންމެ ގިނައިން ލޯނު ދޫކުރެވޭ ފަހަރުކަން ހަޔަރ އެޑިއުކޭޝަނުން ފާހަގަކުރައްވައެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ، ލޯނަށް އެދި ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭނީ، ފައިސާ ދޫކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރުމުންކަމަށެވެ. އަދި ހުރިހާ ލިޔެކިޔުން ފުރިހަމަނަމަ ފޯމް ހުށައަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ލޯނުގެ ފައިސާ ހަމަޖެހޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު ފައިސާ ލިބުން ލަސްވެގެންދަނީ ދަރިވަރުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުން ފުރިހަމަނުވެގެންކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން އެކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް ހަޔަރ އެޑިއުކޭޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އެދަރިވަރަކީ ސްކޯލަރޝިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރެއްކަން އަންގައިދޭ ލިޔުމެއް އެދަރިވަރަކު، ތަޢުލީމު ޙާސިލުކުރާ ކޮލެޖް ޔުނިވަރސިޓީއަށް ހުށައަޅަންޖެހޭނަމަ އެލިޔުން ދޫކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

މަތީ ތަޢުލީމުގެ ފުރުޞަތަށް ސަރުކާރުން ފާއިތުވި 5 އަހަރުވަނީ އެތައް ސަތޭކަ ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ. އެގޮތުން 2019 ވަނަ އަހަރު 249 ދަރިވަރުން، 2020 ވަނަ އަހަރު 514 ދަރިވަރުން، 2021 ވަނަ އަހަރު 450 ދަރިވަރުން އަދި 2022 ވަނަ އަހަރު 454 ދަރިވަރަކަށް ލޯނުވަނީ ހަމަޖައްސައިދީފައެވެ.

މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ލޯނު ލިބުނުކަމުގެ ލިޔުން ދަރިވަރުންނާއި ޙަވާލުކުރި ފަހުން އިތުރު 760 ދަރިވަރަކު ލޯނު ހަމަޖައްސައިދިނުމަށް އެދިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިހާރު މި ދަރިވަރުންގެ ލޯނު މިނިސްޓްރީން ޕްރޮސެސްކުރައްވަމުންދާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިޔެކިޔުން ލިބިފައިވާ ދަރިވަރުންގެ ފީ ޝީޓް ތައްޔާރުކޮށް ނިމިފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މާތީ ތަޢުލީމު ޙާސިލުކުރުމަށް ގިނަ ފުރުޞަތުތަކެއް ސަރުކާރުން މިހާތަނަށްވެސް ފަހިކޮށްދެއްވާފައިވެއެވެ. ހަމައެހެންމެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭނެ މަގު ފަހިކޮށް ދެއްވާފައިވާއިރު، މި ފުރުޞަތުގެ ތެރެއިންވެސް އެތައް ހާސް ދަރިވަރުންނެއް އަންނަނީ އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.