ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީސްކޫޓަރ ހައުސިންގ ޑިވެލޮޕްމަންޓް، އެޗްޑީސީން ތައާރަފްކޮށްފިއެވެ. އީސްކޫޓަރ ނުވަތަ ކޮޅަށް ހުރެގެން ދުއްވާ ބެޓެރި ސައިކަލު ދުއްވޭނެ އިންތިޒާމުތައް ހަމަޖައްސައި އަންނަ އާދިއްތަ ދުވަހުންފެށިގެން އާންމުނަށް ހުޅުވާލާނެކަމަށް އެޗްޑީސީން ބުންޏެވެ.
ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުގައި، އީ ސްކޫޓަރ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެތަނުގައި ވަނީ ހަތަރު އީސްކޫޓަރ ބަހައްޓާފައެވެ. މިސްކޫޓަރތައް ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ދުއްވޭނެކަމަށް އެޗްޑީސީން ބުންޏެވެ. މި ސްކޫޓަރތައް ދުއްވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާށެވެ.
އެޗްޑީސީގެ ސްމާޓްކޮމްގެ މެނޭޖަރ ސްމާޓް ސޮލިއުޝަން އަޙުމަދު ނައުފަލް ޢަބްދުލް ހާދީ ވިދާޅުވީ، އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ޑޮކިންއެއް ބަހައްޓާ ސްކޫޓަރ އިތުރު ކުރާނެކަމަށެވެ. މިހާރު ފެށިގެން މިދަނީ ޕައިލެޓް ޕްރޮޖެކްޓެއްކަމުން މި ޕްރޮޖެކްޓް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ އެކަންކަން ކުރައްވާނެކަމަށް ނައުފަލް ވިދާޅުވިއެވެ.
"މިފަދަ ސްކޫޓަރތަކެއް ތައާރަފް ކުރީ ތިމާވެއްޓާ ރައްޓެހި އަދި މީހުން ޝައުގުވެރި ކުރުވަނިބި ކަމެއް ކުރުމުގެ ބޭނުމުގައި. މިވަގުތު ދެ ޑޮކް ބަހައްޓަން ވަނީ ނިންމާފައި. ކޮންމެ ޑޮކެއްގައި 4 އީ ސްކޫޓަރ ހުންނާނެ. ރަޖިސްޓްރީވެފައި ދުއްވާލަންވީ. ވަރަށް ފަސޭހަ އަދި އާންމުންގެ ތަރުޙީބު ލިބޭވަރަކުން އިތުރު ކުރާނަން." އެޗްޑީސީގެ ސްމާޓް ކޮމްގެ މެނޭޖަރ ސްމާޓް ސޮލިއުޝަން އަޙުމަދު ނައުފަލް އަބްދުލް ހާދީ ވިދާޅުވިއެވެ.
އީ-ސްކޫޓަތައް ޤާއިމްކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓެރިން ދުއްވާ މި އީ ސްކޫޓަރުތައް ޗާޖުކުރާނީވެސް މި ޑޮކިން ސްޓޭޝަންތަކުންނެވެ. އެ ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެއެވެ. މި ސްކޫޓަރ ދުއްވަމުންދާއިރު އެޗްޑީސީން މިކަމަށް ހާއްސަ ސެންޓަރަށް މި ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ސްމާޓް ބެންޗާ ސްމާޓް ޕޯލްތައް ވަނީ ބަހައްޓާފައެވެ. އިށީނުމަށް ހަދާފައިވާ ސްމާޓް ބެންޗްތަކުން ވަޔަލެސްކޮށް ފޯނުޗާޖުކުރެވޭނެއެވެ.