ޚަބަރު

މާލޭ ސިޓީ ކައުންސިލުން ދެ ޕާކެއްގެ އާބާތުރަ ފިލުވާ އަލުން ހުޅުވައިފި


  • މަރާމާތައް ފަހު ހުޅުވީ އިސްކަންދަރު މައިޒާން އާ ބިސްބުރު ޕާކު

  • އިތުރު ޕާކުތައް މަރާމަތުކޮށް ހުޅުވުމަށް ދަނީ ތައްޔާރުވަމުން

  • ކޮފީ އާ ކާއެއްޗެހި ލިބޭގޮތަށް ކެންޓީން ހަދާފައި ހުރޭ

މާލެ ސިޓީ ކައުންސިލުން ކުރިން ހަދާފައި ހުރި ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން ދެ ޕާކެއް މަރާމާތުކޮށް އާބާތުރަ ފިލުވުމަށްފަހު ހުޅުވައިފިއެވެ. މާލޭ ސިޓީގައި ހުޅުވި ދެ ޕާކަކީ ހެންވޭރު "އިސްކަންދަރު މައިޒާން" އާ "ބިސްބުރު" ޕާކެވެ.

މި ދެޕާކު ހުޅުއްވައިދެއްވީ މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އެވެ.

މިރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނަށާ ބޮޑެތިމީހުން ހިތްހަމަޖައްސާލުމަށް ހަދާފައި ހުރި ޕާކުތައް ހުރީ އަޅާނުލާ އޮތުމުގެ ސަބަބުން ދޫކޮށްލެވިފައިކަމަށެވެ. އެތަންތަން މަރާމާތުކޮށް އަލުން ހުޅުވިގެންދާނީ އިތުރު ވަސީލަތްތަކާއެކުގައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މި ދެޕާކު އަލުން ހުޅުވާފައިވަނީ ކާއެއްޗެހި ލިބޭނެހެން ކުޑަ ކެންޓީނަކާވެސް އެކުގައެވެ. އަދި ސާފުތާހިރުތަނެއްގެ ގޮތުގައި އެތަން ބޭއްވުމަށް ކުނި އެޅުމަށް ޑަސްބިން ބަހައްޓާފައި ހުރެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އިތުރު ޕާކުތައްވެސް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށާ، ލަސްނުކޮށް އެތަންތަންވެސް ހުޅުވިގެން ދާނެކަމަށެވެ.