ޚަބަރު

ލެވަންޑޯސްކީ އަލުން ގައުމީ ޓީމަށް ކުޅެން ބޭނުން


ޕޮލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޕްރޮބިއާޒް ހުއްޓާ ގައުމީ ޓީމަށް ދެން ނުކުޅޭނެކަމަށް ބުނި ކެޕްޓަން ލެވަންޑޯސްކީ އަލުން ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން އަލަށް ހަވާލުވި ޖޭން އާރބަން ބުނެފި އެވެ.

ޕޮލެންޑަށް ރެކޯޑް އަދަދަކަށް ގޯލު ޖަހައިދީފައިވާ އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ އާއި ކޯޗު ޕްރޮބިއާޒް އާއި ދެމެދު މައްސަލަ ޖެހުނީ އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލުމުންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޕްރޮބިއާޒް ހުއްޓާ ދެން ގައުމީ ޓީމަށް ނުކުޅޭނެކަމަށް ބުނެފަ އެވެ.

ޕޮލެންޑްގެ ފުޓްބޯލް އެސޯސިއޭޝަނުން އޭރު ބުނެފައިވަނީ ކޯޗުގެ އެ ނިންމުން ލެވަންޑޯސްކީގެ އިތުރުން އެހެން ކުޅުންތެރިންނާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ލެވަންޑޯސްކީގެ އިންސްޓަގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނި ކޯޗާއިމެދު އިތުބާރު ގެއްލިފައިވާތީ އޭނާ އެ މަގާމުގައި ދެމި ހުރިހާ ދުވަހަކު ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ.

ޕޮލެންޑަށް މިހާތަނަށް ކުޅުނު 158 މެޗުގައި ޖުމްލަ 85 ލަނޑު ޖަހާފައިވާ ލެވަންޑޯސްކީ އަށް ޕްރޮބިއާޒް އެންމެ ފަހުން ނެގި ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޕޮލެންޑްގެ ކޯޗު ކަމާއި ހަވާލިވި ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފައިވަނީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ޕޮލެންޑްގެ ކޯޗު ކަމަށް އާރބަން ހަމަޖައްސާފައިވަނީ މިދިޔަ ޖުލައި މަހު ލެވަންޑޯސްކީ އާއި ޕްރޮބިއާޒް އާއި ދެމެދު ޖެހުނު މައްސަލަތަކަށްފަހު އަމިއްލަ އަށް ކޯޗު ކަމުން އިސްތިއުފާ ދިނުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕްގެ ތިންވަނައިގައި މިވަގުތު ޕޮލެންޑް އޮތްއިރު ލެވަންޑޯސްކީގެ މުހިންމުކަން އަލަށް ކޯޗު ކަމާއި ހަވާލުވި އާރބަން ވަނީ ބުނެފަ އެވެ. އަދި އޭނާއަށް އަލުން ކެޕްޓަން ބޭންޑް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑް ދެން ކުޅޭނީ ނެދަލޭންޑްސް އާއި ދެކޮޅަށް އަންނަ ސެޕްޓެމްބަރ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އަދި އޭގެ ތިން ދުވަސް ފަހުން ފިންލެންޑް އާއި ދެކޮޅަށް ކުޅޭނެ އެވެ.