ޚަބަރު

އެކްސިޑެންޓުގައި ސޯލާތަކަށް ދެލައްކައެއްހާ ރުފިޔާގެ ގެއްލުންވި


  • ސޯލާރ ޕެނަލްތަކަށް 2 ލައްކައެއްހާ ރުފިޔާގެ ގެއްލުންވެފައިވޭ

  • ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާ ޕެނަލެއް ހަލާކުވި

  • އެސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުން

ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެގޮސް ސޯލާރ ޕެނެލްތަކުގައިޖެހި ހިނގި އެކްސިޑެންޓުގައި ސޯލާރ ޕެނަލްތަކަށް 2 ލައްކައެއްހާ ރުފިޔާގެ ގެއްލުންވެފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަަށް ގެންލުންވެފައެއް ނުވެއެވެ. އެހެންނަމަވެސް ޓެކްސީއަށާއި ސޯލަރ ޕެނެލްތަކަށް ގެއްލުންވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ކާރުގެ ކުރީކޮޅު ވަނީ އެއްކޮށް ހަލާކުވެފައެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވިނަމަވެސް ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާ ޕެނަލަކަށް އެކި ވަރުގެ ގެއްލުން ވެފައިވާކަމަށެވެ. އަދި ސޯލާރ ޕެނަލްތަކުން 4 ނުވަތަ 5 ޕަނެލް ނަގަން ޖެހޭނެކަމަށާއި ގެއްލުމުގެ އަންދާޒާ ދެ ލައްކައެއްހާ ރުފިޔާއަށް އަރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ ސޯލާ ޕެނަލްތަކަށް އެކި ހާދިސާތަކުން ގެއްލުމެއް ލިބިދާނެކަމަށް ބަލައި، ސޯލާ ޕެނަލްތައް ހުންނަ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް އެޗްޑީސީއާއި ގުޅިގެން ކުރަމުން އަންނަކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ފެންސްޖެހުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ހައިވޭގައި ހަރުކޮށްފައިވާ ހުރިހާ ސޯލާ ޕެނަލްތަކެއް ހުރީ އިންޝުއަރެންސް ވެސް ކޮށްފައިކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ހައިވޭ އަދި ހުޅުމާލޭ ގައި މިވަގުތު ކުރިއަށްދާ ޙަކަތައިގެ މަޝްރޫޢުއާއެކު ކަރަންޓް އުފެއްދުމަށް ދައުލަތުން ހޭދަކުރާ ފައިސާގެ ތެރެއިން 15 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.