ޚަބަރު

ލޯފަން މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓުލި


  • ޤާނޫނަށް ގެނެވުނު އިސްލާޙު ތަޞްދީޤުކުރެއްވީ 22 ޖޫންގައި

  • ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް

  • ވޯޓުލުމަށް ބޭނުންކޮށްފައިވަނީ އެކަމަށް ޚާއްސަ ޓެމްޕްލޭޓެއް

  • ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމަކާނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ވަނީ ލިބިގެންގޮސްފައެވެ.

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 19 ޖޫން 2023 ގައެވެ. އަދި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ، 22 ޖޫން 2023 ގައެވެ. މި އިސްލާޙުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ.

މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެކަމަށް އިސްލާޙުގައިވެއެވެ.

މި އިސްލާހަކީ ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންތިޚާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އެކޮމިޝަނުން ވިދާޅުވެއެވެ. ހަމައެހެންމެ މުޅިން އަލަށް ޤާނޫނީ ބާރުވެރިކަމާއެކު ލޯފަން މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަމަޖެހިފައިވާތީ އެކަން، އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގައި ހަރަކާތްތެރިވި ބޭރުގެ އޮބްޒާވަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށްވެސް ވޯޓުލާ މަރުކަޒުތަކަށް ގޮސް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލަ ވޯޓުލެވޭނެ އިންތިޒާމްތަކާއެކުގައެވެ. އެގޮތުން އެފަރާތްތަކުން ވޯޓުލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކޮށްގެންނެވެ. މިއީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ކުރިން މިކަމަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ފަރާތްތައް އަހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް އަތޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. މި ތަމްރީންތައް ހިންގެވި މައި ސަރަޙައްދުތަކަކީ، ހދ، އދ އަދި ގދ އަތޮޅެވެ. މިއީ ތަފާސްހިސާބަށް ބަލާއިރު ލޯފަން މީހުން އެންމެ ގިނަކަމަށް ބެލެވޭ ސަރަޙައްދުތަކެވެ.