ޚަބަރު

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި


  • ޖެޓީގެ މަސައްކަތަށް 5.65 މިލިއަން ރުފިޔާ ޚަރަދުވި

  • ޖެޓީއާއެކު އެއަރޕޯޓު ބޭނުންކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ

  • އެއަރޕޯޓުގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީން

ހއ. ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ނިންމާލައިފިއެވެ. މި މަޝްރޫޢުއަކީ 5.65 މިލިއަން ރުފިޔާއަށް ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ހޯރަފުށީ އެއަރޕޯޓު ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 44 މީޓަރުގެ އެއްގަމު ތޮށި ލުމާއި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއިން ވަނީ ކޮށްފައެވެ.

މީގެ އިތުރުން 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާ، ޖެޓީ ސަރަޙައްދު ޙިމާޔަތްކުރުމާއި، 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ކޮށްފައެވެ. ޖެޓީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު ކައިރި ރަށްރަށުން ހޯރަފުށީ އެއަރޕޯޓަށް އަންނަ މީހުންނަށް އެއަރޕޯޓަށް އެރުމާއި ފޭބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހޯރަފުށީ އެއަރޕޯޓަކީ މި ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މި އެއަރޕޯޓާއެކު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ވަނީ ލިބިފައެވެ.

އެގޮތުން މޫސުން ގޯސްދުވަސްވަރު ގަދަފަދަ ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫ އެއަރޕޯޓަށް ހޯރަފުށި، އިހަވަންދޫ، ތުރާކުނު، އުލިގަން އަދި މޮޅަދޫގެ ރައްޔިތުން ކުރި ދަތުރުތައް މިހާރު ވަނީ މާޒީވެގޮސްފައެވެ. މި އެއެރޕޯޓާއެކު 10،000 މީހުންގެ އާބާދީއެއް އޮންނަ އެސަރަހައްދަށް ވަނީ އިޤްތިޞާދީ އަދި އިޖްތިމާޢީގޮތުން އިތުރު ދިރުމެއް ގެނުވާފައެވެ.