ޚަބަރު

ޕީޕީއެމް-ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި އެމްއެންޕީން ސޮއިކޮށްފި


ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމައި، އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއެވެ. އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި، މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީން ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމީ ދެޕާޓީއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކުލަވާލި މެނިފެސްޓޯގައި ހުރި ކަންކަން އެއްގޮތްވުމުންކަމަށެވެ. އަދި ދެ ޕާޓީގެ ސިޔާސަތުތައްވެސް އެެއްގޮތްވުމަކީ ކޯލިޝަން ހެދުމަށް ނިންމި ސަބަބެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެޕާޓީއަކީ އަބަދުވެސް ޤައުމުގެ ކަންކަން އިސްކުރާ ބައެއް އެހެނެވެ ތާއީދު ކުރަން ނިންމީ އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކުލަވާލި މެނިފެސްޓޯގައިވެސް އެއްގޮތްކަންތައްތަކެއް އެބަހުރި" ނާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އެމްއެންޕީން އެ ޕާޓީއަށް ތާއީދުކުރަން ނިންމުމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕީއެންސީން ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނަނީ މިމަހުގެ 30 ވަަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ.