ޚަބަރު

އުނގޫފާރާއި މާކުރަތުގައި ހިންގި ތަރައްޤީގެ މަޝްރޫޢުތަކުގެ ނިންމުން ފާހަގަކޮށްދެއްވައިފި


  • އޮފީސް ހޯލްއަކާއި ޕަބްލިކް ހެލްތް ޔުނިޓެއް ޢިމާރާތުގައި ހުރޭ

  • މާކުރަތު ހެލްތް ސެންޓަރަކީ 16 ގަޑިއިރަށް ޚިދުމަތްދޭ ތަނެއް

ރ. މާކުރަތާއި، އުނގޫފާރުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެ މަޝްރޫއުތައް އެމަނިކުފާނު އިފްތިތާޙްކޮށްދެއްބީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ.

ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް އަންނާނީ ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިވެގެންކަމަށްވާތީ ސަރުކާރުގެ އަމާޒު ހުރީ ރަށްރަށުގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށެވެ. މިގޮތުން މާކުރަތު ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވަނީ އައު އިމާރާތެއް އަޅުއްވާފައެވެ.

ރައީސް ހުޅުވައިދެއްވި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގައި އިމަރޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ރޫމަކާއި، ލެބޯރެޓޮރީއަކާއި، ތިއޭޓަރަކާއި، ސީ.އެސް.އެސް އަދި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫޢު ސަރުކާރުން ކުރިޔަށްގެންގޮސްފައި ވަނީ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. ރަށްރަށުން ރައްޔިތުންނަށް ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ހުޅުއްވައިދެއްވި މާކުރަތު ސިއްހީ މަރުކަޒަށް އިތުރު ކުރި ބައިގައި އޮފީސް ބަޔާއި، ޕަބްލިކް ހެލްތް ޔުނިޓަކާއި، ކައުންސިލިން ރޫމަކާއި، އެމްބިއުލާންސަށް ޚާއްޞަ ގަރާޖެއްގެ އިތުރަށް މީޓިން ރޫމެއް ހުރެއެވެ. މި އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.

މާކުރަތު ސިއްޙީ މަރުކަޒަކީ 16 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަތަނެކެވެ. މިވަގުތު ސިއްހީ މަރުކަޒިގައި 5 އެނދުގެ ވޯޑަކާއި ކޮންސަލްޓޭޝަން ރޫމްއަކީ ފަރުވާދޭނެ ރޫމެއް ހުރެއެވެ. އަދި ޓެސްޓްތައް ހެދުމަށް ނަގާ ސާމްޕަލްތައް ފޮނުވަންޖެހެނީ އުނގޫފަރަށް ނުވަތަ ދުވާފަރަށެވެ.

ރައީސް ހުޅުއްވައިދެއްވި މާކުރަތު ފުޓްބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ.