ޚަބަރު

އުނގޫފާރާއި މާކުރަތު ހިއްކާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނަން: ރައީސް


  • މާކުރަތާއި އުނގޫފަރުގައި ތަރައްޤީގެ ގިނަ މަޝްރޫތަކެއް ކުރިއަށްގެންދަވާނެކަމަށް

  • ދެ ރަށުގެވެސް މަގުތައް ތަރައްޤީކުރައްވާނެކަމަށް

  • ސިއްޙީ އަދި ތަޢުލީމީ ދާއިރާއާ ގުޅޭ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރ. އަތޮޅު އުނގޫފާރާއި މާކުރަތަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހައުސިން މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި އެދެރަށް ވަޑައިގެން ބޭއްވި ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބައްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް މިއަދު ފުރަތަމަ ވަޑައިގެންނެވީ މާކުރަތަށެވެ. އެރަށަށް ވަޑައިގެން ރައީސް ޞާލިހް ވަނީ ދެވަނަ ދައުރުގައި އެރަށަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި މާކުރަތުގައި ބިން ހިއްކާ ހައުސިން ޔުނިޓް އަޅުއްވާއިދެއްވާނެކަމަށެވެ. އަދި ފެންބޮޑުވާ މަގުތަކުގައި ތާރު އަޅައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް އެރަށުގައި އަޅުއްވައިދެއްވާނެކަމަށާއި، މަލްޓިޕަރޕަސް ހޯލްއަކާއި، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތެއްގެ އިތުރުން އެރަށުގައި ދޯނި އެހެލާ ސަރަހައްދެއް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާކުރަތަށްފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ އުނގޫފާރަށެއްވެ. އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ދެވަނަ ދައުރުގައި އުނގޫރާފުގައި ހައުސިންގ ޕްރޮޖެކްޓަކާއި އައު ސްކޫލެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރަށް އެރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދައުރުގައި އުނގޫފާރަށް ގެންނަން ބޭނުންވާ ތަރައްގީގެ މަސައްކަތް އެބަހުރި. އެގޮތުން ބަނދަރަށް ބޭނުންވާ ބަދަލު ގެނެސް ފަސޭހަ ބަނދަރަކަށް ހަދައިދޭނަން. އޮޑިދޯނިފަހަރު އެހެލާނެ ތަނަކާއި މޫދަށް އެރޭނެ ސަރަަހައްދެއް ގާއިމްކުރާނަން. މީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން. މީގެ އިތުރުން ފުރިހަމަ ވަސީލަތާއެކު އައު ސްކޫލް އިމާރާތެއް އިމާރާތަކާއި އެއް ދަންފަޅިއަށް ސްކޫލް ބަދަލުކުރާނަން."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ދެވަނަ ދައުރުގައި ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމާއެކު ސިޑިބަރި ހަދާނެ ކަމަށާއި، ހޮސްޕިޓަލާއެކު މުވައްޒަފުންނަށް އެކޮމަޑޭޝަން ބްލޮކެއްވެސް އަޅުއްވާނެކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމިގެންދާއިރު ބާކީ ހުރި ހުރިހާ މަގެއްގައި ތާރުއަޅުއްވާނެކަމަށާއި، ސިއްހީ ދާއިރާއިން ތައުލީމް ދޭނެ ވަސީލަތްތައް އުނގޫފާރުގައި ގާއިމްކޮށްދެއްވާނެކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.