ޚަބަރު

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްސަކޮށްގެން ސްކޫލްތަކުގައި ޤާއިމުކުރާ ފުރަތަމަ ލެބް ތާޖުއްދީންގައި


  • މި ލެބްތަކުގެ އެހީގައި ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެ

  • ހުރިހާ އަތޮޅެއް ހިމެނޭހެން ރާއްޖޭގެ 28 ސްކޫލެއްގައި މިފަދަ ލެބްތައް ޤާއިމުކުރާނެ

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ޤާއިމުކުރާ ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ލެބް ތާޖުއްދީން ސްކޫލުގައި ހުޅުވައިފިއެވެ. މި ލެބް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައްކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކްރާފްޓްގެ މަސައްކަތް ދަރިވަރުންނަށް ދަސްކޮށްދެވޭނެކަމަށެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތްތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތައް، އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްސަކޮށްފައިވާ ލެބްތައް ހިމެނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ. މިއީ ދަރިވަރުން ޝަޢުގުވެރިވާގޮތަށް ތަޢުލީމު ބައްޓަން ކުރަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޑިޔުކޭޝަން ފާހަގަކުރައްވައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ. މި ލެބްތަކަކީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

އޭ.އީ.ޑީ.ޕީއަކީ ވޯލްޑް ބޭންކުގެ 9 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުކުރެވިފައިވާ 10 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.