ހދ. މަކުނުދޫގައި ތަރައްޤީކުރާ އެއަރޕޯޓާއެކު އެ ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ފަޅުތެރޭގައި އިތުރު ރިސޯޓްތައް ތަރައްޤީކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބައްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މަކުނުދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސް ވަނީ މަކުނުދުއަކީ އެހެން ރަށްތަކާ މާ ދުރުގައި، ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ފަޅެއްގެ ތެރޭގައި އޮންނަ ރަށެއްކަން ފާހަގަކުރައްވާފައެވެ.
އަދި މަކުނުދޫއަކީ ޓޫރިޒަމަށް ފައްކާވެފައިވާ ރަށަކަށް ހެދުމަށް، އެރަށު ފަޅުތެރޭގައި އިތުރު ރިސޯޓުތައް ހަދަން ފުރުޞަތު ހޯއްދަވައިދެއްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަކުނުދޫ އެއާޕޯޓަށް ބިން ހިއްކާއިރު އިތުރު ދެ ރަށް ނުވަތަ ތިން ރަށް ހިއްކާނެ ކަމަށާއި، އެއީވެސް ޓޫރިޒަމަށް އަމާޒުކޮށްގެން ހިއްކާ ރަށްތަކެއް ކަމަށެވެ.
"މަކުނުދޫ އެއާޕޯޓުގެ މަސައްކަތާ މެދު މީގެ ކުރިން ގިނަ ފަހަރުތަކެއްގައި ވިސްނިން. މިއަދު އެ މަސައްކަތް، ރައްޔިތުން ބޭނުންވާ ގޮތަށް ފެށި ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލާނެ" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
މަކުނުދޫ އެއާޕޯޓު ހެދުމަށް 43 ހެކްޓަރުގެ ބިން ހިއްކަން، ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ވަނީ ހަވާލުކޮށްފައެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި މަކުނުދޫގައި ކުރިއަށް ގެންދަވާނެ އިތުރު މަޝްރޫޢުތައްވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރޭސިން ޓްރެކްގެ ތެރެއިން އެއް ޓްރެކް ތަރައްގީ ކުރާނީ މަކުނުދޫގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް މެރިކަލްޗަރއަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާ ބިން ހިއްކައި ފްލެޓް އެޅުންވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރުގައި މަގުތަކުގައި ތާރުއަޅައި، ފުޓް ބޯޅަދަނޑަކާއި އައިސްޕްލާންޓެއްގެ އިތުރުން ބަނދަރު އަޕްގޭޑްކުރައްވާނެކަަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.