ޚަބަރު

އިންތިޚާބަށް ނުފޫޒު ފޯރުވާ، ސިއްރުކަން ގެއްލޭފަދަ ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނަން: ޙަބީބް


  • އިންތިޚާބަށް ނުފޫޒު ފޯރުވާ، ސިއްރުކަން ގެއްލޭފަދަ ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ

  • މާލެ ފިޔަވައި ހުރިހާ އަތޮޅަކަށް ވޯޓު ކަރުދާސް ވަނީ ފޮނުވާ ނިމިފައި

  • މާލެ އަތޮޅުގެ ރަށްތަކަށް މިމަހުގެ 4 ވަނަ ދުވަހު ވޯޓު ކަރުދާސް ފޮނުވާނެ

އެއްވެސް ޕާޓީ އަކާއި ގުޅިގެން އަދި އެއްވެސް ފަރާތަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވިދާނެ، އަދި އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ދެއްވައިފިއެވެ.

އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ބޭރުން ގެންނަ ވޯޓު ކަރުދާސް، ވޯޓު ފޮއްޓަށް ވައްޓާލި ނަމަވެސް އެއީ ސައްޙަ އެއްޗަކަށް ނުވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސް ކޮޅުގައި ވަކި ތައްގަނޑަކާއިއެކު، ޚާއްސަ ސެކިޔުރިޓީ ފީޗަރސްތަކެއް ހުންނާނެ ކަމަށް ޙަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ގުޅިގެން އަބަދުވެސް އިދިކޮޅު ފަރާތްތަކުން، ވޯޓުގެ ސިއްރުކަން ގެއްލުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވާފަދަ ވާހަކަތައް ދައްކާވާނެ ކަމަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފަރާތަކާއި ގުޅިގެން ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އަދި އިންތިޚާބުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަޤީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވިދާނެ، އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން." ޙަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ޙަބީބް ވިދާޅުވީ މިއަދާއި ހަމައަށް އައިރު، މާލެ އަތޮޅު ފިޔަވާއި އެހެން ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި، ވޯޓު ލާ މީހުންގެ ލިސްޓު ފައިނަލްކޮށް ފޮނުވާފައިވާކަމަށެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު މާލެ އަތޮޅުގެ ރަށްތަކަށްވެސް ވޯޓު ކަރުދާހާއި، ވޯޓު ލިސްޓު ފޮނުވާނެކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާހާއި، އެހެނިހެން ތަކެތި މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ފޮނުވާނެކަމަށާއި، މިމަހުގެ 8 ވަނަ ދުވަހު ރިސޯޓުތަކަށް ވޯޓު ކަރުދާސް ފޮނުވާނެ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ. ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަމުން ދަނީ ފުލުހުންގެ އެހީތެރިކަމާއި، ބެލުމުގެ ދަށުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 3034 އޮބްޒަރވަރުންނާއި، 3،810 މޮނިޓަރުންގެ އިތުރުން 1490 މަންދޫބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށި ތަކުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް ހަބީބު ވިދާޅުވިއެވެ. މީގެ ތެރޭގައި
ރާއްޖެއިން ބޭރުގެ 143 އޮބްޒަރވަރުންނާއި 22 މޮނިޓަރުން ހަރަކާތްތެރިވާނެކަމަށާއި، އޭގެ ތެރެއިން 40 އޮބްޒަރވަރުންނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ހަރަކާތްތެރިވާ އޮބްޒަރވަރުންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 138،196 މީހުންނަކީ އަންހެނުންނެވެ. އަދި 144،199 މީހުންނަކީ ފިރިހެނުންނެވެ.