ރިޕޯޓް

ޓެރަރިޒަމާ ދެކޮޅަށް ތުރުކީން އިތުރު ފިޔަވަޅު އަޅަނީ


ތުރުކީވިލާތުގެ އެންމެ ބޮޑު ސިޓީކަމަށްވާ އިސްތަންބޫލްގައި ހޮނިހިރުދުވަހު ހިންގި ބޮން ގޮއްވުމުގެ ޙާދިސާއަށްފަހު ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ސަރުކާރުން ވަޢުދުވެއްޖެއެވެ. ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަތު ދާވުތުލޫ ވިދާޅުވީ މިބާވަތުގެ ޓެރަރިޒަމްގެ ޢަމަލުތައް ތުރުކީވިލާތުގައި ގިނަވަމުންދާތީ ހިތާމަކުރައްވާ ކަމަށާއި ނަމަވެސް މިފަދަ ޢަމަލުތައް ހުއްޓުވައި، ރައްޔިތުންނަށް އަމާންކަން ލިބޭފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށް ނިންމާފައިވާ ކަމަށެވެ.



އިސްތަންބޫލްގެ އިންޑިޕެންޑެންޓް ރޯޑްގައި ގޮއްވާލި ބޮމުގެ ޙަމަލާގައި ފަސްމީހުން މަރުވެ ތިރީސް ހަމީހުން މަރުވެފައިވާއިރު މިއީ މިއަހަރުގެ މިހާތަނަށް ތުރުކީވިލާތަށް ދިން މިބާވަތުގެ ފަސްވަނަ ޓެރަރިސްޓް ޙަމަލާއެވެ. މިފަދަ ޙަމަލާތައް ހުއްޓުވުމުގައި ތުރުކީވިލާތުގެ އަމަނާބެހޭ ދާއިރާތަކުގެ ބަލިކަށިކަން މިޙަމަލާއިންވެސް ހާމަވެގެން ގޮސްފައިވާއިރު ގައުމުގައި އަމްނު އަމާންކަން ގެއްލި ޓެރަރިސްޓުންގެ ޝިކާރައަކަށް ތުރުކީވިލާތް ވަމުންދާކަމުގެ އިޙްސާސް އެގައުމުގެ ރައްޔިތުން ވަނީ ކުރަން ފަށާފައެވެ. 

އިސްތަންބޫލްގެ ބޮމުގެ ޙަމަލާގެ ފަހަތުގައިވާ ކަމަށްވެސް ތުރުކީވިލާތުގެ މަސްއޫލުވެރިން ތުހުމަތު ކުރައްވަނީ އެގައުމުގައި ހިންގާ މިފަދަ ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް އަމިއްލައަށް އިއްތިރާފްވާ ދެޖަމާއަތް ކަމަށްވާ ޕީކޭކޭ ޖަމާއަތާއި އައިއެސް ޖަމާއަތެވެ. ތުރުކީވިލާތަށް ޓެރަރިޒަމްގެ ޙަމަލާތައް ކުރިމަތިވަނީ ކުރުދީންގެ ޕީކޭކޭ ޖަމާއަތާ ދެކޮޅަށް އެގައުމުގެ ސިފައިން ކުރަމުން ގެންދާ ހަނގުރާމައާ އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުސީދާގޮތެއްގައި ވަނުމުގެ ސަބަބުންކަމަށްވަނީ ބެލެވިފައެވެ. އިސްތަންބޫލްގެ ޙަމަލާއަށްފަހު ދެއްވި ބަޔާނެއްގައި ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަތު ދާވުތުލޫ ވިދާޅުވީ ބޮން ގޮއްވުންފަދަ ޓެރަރިސްޓް ހަމަލާތައްދީގެން ޓެރަރިސްޓުންނަށް އެމީހުންގެ މަގްސަދުތައް ޙާސިލް ނުކުރެވޭނެ ކަމަށާ މިފަދަ އަމަލުތައް ހުއްޓުވައި ތުރުކީވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގެ ގާބިލްކަން އެގައުމުގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާކަމަށެވެ. އެހެންކަމުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މިހާތަނަށް އަދި ނާޅާވަރުގެ ހަރުކަށި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަން ދާވުތުލޫ ހާމަކުރެއްވިއެވެ. ތުރުކީވިލާތުގެ ބޮޑެތި ސިޓީތަކަށް ތަކުރާރުކޮށް ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ ސިޔާސީ ގޮތުން ތުރުކީ ސަރުކާރު ހޫނުފެނަށް ވެއްޓިގެން ގޮސްފައިވާއިރު މިކަމުގެ ސަބަބުން ތުރުކީވިލާތުގެ ފަތުރުވެރިކަން ދަށްވެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުން ދާކަމަށް އެގައުމުގައި ޝާއިއުކުރާ މީޑީޔާ ރިޕޯޓްތައް ބުނެއެވެ. 

ހޮނިހިރު ދުވަހު އިސްތަންބޫލްގައި ހިންގި ބޮންގޮއްވުމުގެ ޙަމަލާއަކީ މީހަކު އަމިއްލައަށް މަރުވެގެންދިން ޙަމަލާއެކެވެ. ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު އޭނާގެ ހަށިގަނޑު ގޮއްވާލީ އިސްތަންބޫލްގެ އިންޑިޕެންޑެންޓް ރޯޑްގައިވާ ބީ އޮގްލޯ ސަރަހައްދުގައެވެ. މިޙަމަލާގައި މަރުވި މީހުންގެ ތެރޭގައި އިސްރާއީލުގެ ދެމީހުންވެސް ހިމެނޭކަން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އަދި މިޙަމަލާގައި ޒަޚަމްވި ތިރީސް ހަމީހުންގެ ތެރެއިން ސައުވީސް މީހުންނަކީ ބޭރުގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންކަމަށާ ޒަޚަމްވި އެންމެންނަށް އިސްތަންބޫލްގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދާކަން ތުރުކީވިލާތުގެ އަމަނާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.