ޚަބަރު

ތިލަފުށީގައި މޮޓޯރ ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރަނީ


  • މޮޓޯރ ސްޕޯޓްސް އެރީނާ ތަރައްޤީކުރަނީ ތިލަފުށީ ފޭސް 2 ގައި

  • 10 ހެކްޓަރުގެ ބިން ވަނީ ހަމަޖައްސާފައި

  • ދުނިޔޭގެ ފެންވަރުގެ ޓްރެކެއްގައި ރޭސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ

ތިލަފުށީގައި މޮޓޯރ ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

މިކަމަށް ބޭނުންވާ ބިން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު ސޮއިކޮށްފައެވެ.

އެޗް.ޑީ.ސީން ބުނީ މި އެރީނާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ތިލަފުށީގެ ފޭސް 2 ގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫޢަށް ޚާއްސަކުރެވިގެންދާނެކަމަށް އެކޯރޕަރޭޝަނުން ބުނެއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، މެނެޖިންގ ޑިރެކްޓަރ އަޙްމަދު ޢާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭސިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޝާމިހްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޢާތިފް ވިދާޅުވީ، މި އެރީނާއާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެކެއްގައި ރޭސްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

"މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަރނޭޝަނަލް ސްޓޭންޑަރޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި" ޢާތިފް ވިދާޅުވެފައެވެ.

މި މޮޓޯރ ސްޕޯޓްސް އެރީނާގައި ހަމައެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯރ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ރޭސިންގ އެސޯސިއޭޝަނުން ބުނެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯޓްސްއަށް ތަރައްޤީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުންކަމަށް އެޗް.ޑީ.ސީން ބުނެއެވެ.