ޚަބަރު

3 ރަށެއްގެ ތަރައްޤީއަށް ހިންގާފައިވާ މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • އއ. ހިމެންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައި

  • ޅ. އޮޅުވެލިފުށި ފެނަކަ އޮފީސް ނިންމާ ޙިދުމަތް ދޭންވަނީ ފަށާފައި

  • ޅ. ކުރެންދޫ ގޮނދުދޮށް ހިމާޔަތްކުރުމާ ފެނަކަ އޮފީހުގެ މަސައްކަތްވެސް ވަނީ ނިންމާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ، ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ފާދިއްޕޮޅު އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި ޅ. އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވީ، އެމަނިކުފާނު މިއަދު އެދެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، އއ. ހިމެންދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

މިދެރަށުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޅ. ކުރެންދޫ ފެނަކަ އޮފީހާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާޙް ކޮށްދެއްވާފައެވެ.

ކުރެންދޫއަށް ދިމާވެފައި އޮތް ރަށް ގިރާ މައްސަލަހައްލުކުރުމަށް ރަށްވަށައިގެން ހިމާޔަތް ކޮށްފައިވަނީ ދެގޮތަކަށެވެ. އެއީ ވޯޓަރ ބްރޭކް އާއި ރިވެޓްމަންޓް ޖަހައިގެންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅާ 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާ 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްވެސްވަނީ ޖަހާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.