ޚަބަރު

އިހަވަންދޫ ރައްޔިތުންގެ އެންމެބޮޑު އުއްމީދު؛ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވުން


  • އިހަވަންދޫގެ ހުރިހާ މަގެއް ތާރު އަޅައިގެން ތަރައްޤީ ކުރާނެ

  • މިހާރު ކުރަމުންދަނީ މިމަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް

ހއ އަތޮޅުގަ އާބާދީ ދެވަނައަށް އެންމެ ބޮޑު އެއްރަށްކަމަށްވާ އިހަވަންދޫ މަގުތައް ބޭނުން ކުރުމުގައި ރައްޔިތުންނަށް އެކިކަހަލަ ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ވެގެންދިއުމަކީ ރަށުގެ ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދަށްވާއިރު މަގުހެދުމުގެ މަސައްކަތާއެކު ރަށަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ބޮޑު އާބާދީއެއް އޮންނަ ހއ.އިހަވަންދޫއަކީ އުމްރާނީ ތަރައްޤީގެ ރޮނގުގައި އެއަތޮޅުގައި ކުރިއަރަމުން އަންނަރަށެކެވެ. އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއެކު ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ ރަށުގައި ގިނަ އަދަދެއްގެ ޒުވާނުން އުޅެންވަނީ ފަށާފައެވެ. މިއާއެކު ރަށުގައި އެއްގަމު އުޅަނދު ދުއްވާމީހުންގެ އަދަދު އިތުރުވިއެވެ. ކުރިން ރިސޯޓްތަކާ މަސްވެރިކަމުގައި އުޅެ ރަށަށް ބަދަލުވި މިޒުވާނުންނާއި ޖުމްލަކޮށް ރަށުގެ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ އެރަށު މަގުގެ މައްސަލައެވެ.

މަގުތަކުގައި ވަޅުގަނޑު ހެދި ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި ހިނގާ އުޅޭ ފަރާތްތަކަށާއި ދުއްވާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

"މަގުތަކުގެ ހާލަތު ވަަރަށް ގޯސް ވާރޭ ވެހިއްޖެއްޔާ ފެންބޮޑުވެ އެފެންގަނޑުގައި ސައިކަލާ ކާރު ދުއްވާފައިދާއިރު ޗަކަ ފެންބުރާނެ، ފެންހެދިފައި އޮންނަ ދުވަސްތަކުގައި ބައިވަރު އުޅަނދު ފެންގަނޑުތަކުން ދުއްވާއިރު ވަޅުގަނޑު ހެދޭ މިންވަރުވަރުވެސް ދަނީ އިތުރުވަމުން. ބައެއް މަގުތަކުން ބަލިމީހުންގޮވައިގެން މިހާރު ނުދުއްވޭހާ ވަރަށް މިވަނީ މަގުތައް ހަލާކުވެފައި" މަގުތަކުގެ މައްސަލައިގައި އިހަވަންދޫ އިން ވާހަކަދައްކާލި ބައެއްމީޙުން ކިޔައިދިނެވެ.

ގިނަ އަދަދަކަށް އެއްގަމު އުޅަނދު ގެންގުޅޭ މިރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ވެގެންދިއުމަކީ އެރަށު ރައްޔިތުން އެންމެ ބޮޑު އެދުމެވެ. ރައްޔިތުންގެ މިކަންބޮޑުވުން ސަރުކާރުގެ ސަމާލުކަމަށް އައިސް މިކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އެގޮތުން އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިހާރުވަނީ އާރުޑީސީއާ ހަވާލުކުރައްވާފައެވެ.

ހއ. އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއި ހަވާލުކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް އާރުޑީސީއާ ހަވާލުކުރައްވާފައިވަނީ 102 މިލިއަން ރުފިޔާއަށް 18 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މިރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 6.9 ކިލޯ މީޓަރުގެ މަގު ހަދާނެއެވެ. މިރަށު މަގުތައް ތާރު އަޅައިގެން ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީ ކުރާއިރު އެމަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. އިހަވަންދޫގެ މަގުތައް ތަރައްޤީކުރާއިރު އެރަށުން އަލަށް ހިއްކި ބިމުގެ މަގުތައް މީގެތެރޭގައި ނުހިމެނެއެވެ.

މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތަށް ކައުންސިލުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހުރުމުން އެކަމާއި މަޝްވަރާކޮށް ކޮންސެޕްޓް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެއެވެ. އޭގެ އިތުރުން މަގުތަކުގެ ސާރވޭ އާއި އީއައިއޭ ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެއެވެ. އާރްޑސީން ބުނީ މިމަސައްކަތް ފެށުމަށް ހަދަންޖެހޭ ޖިއޯޓެކްނިކަލް ސާރވޭ އާއި ހައިޑްރޮލޮޖިކަލް ސާރވޭ ނިމިފައިވާ ކަމަށާއި މަގު ހެދުމުގެ މަޝްރޫޢަށް އިހަވަންދޫގައި ޤާއިމްކުރާ ސައިޓުގެ މަސައްކަތުގެ %95 ނިމިފައިވާ ކަމަށެވެ. އަދި އީއައިއޭ ނިމި ރިޕޯޓް އެޕްރޫވް ވުމާއެކު އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް އާރުޑީސީއިން ބުނެއެވެ.