ޚަބަރު

އައު ޚިދުމަތްތަކާއެކު ދާރުލްއާސާރު އާންމުންނަށް ހުޅުވާލައިފި


  • ބަންދުނޫން ކޮންމެ ދުވަހަކު 10:15 އިން 15:30 ހުޅުވާފަ ހުންނާނެ

  • އަލުން ހުޅުވާފައިވަނީ އައު އާސާރުތަކާއެކު

  • އައު ޝޯކޭސްތައް، ޑިޖިޓަލް ސްކްރީންތައް ހުންނާނެ

ޒަމާނީ ވަޞީލަތްތަކާއެކު ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްފަހު އާއްމުންނަށް ހުޅުވާލައިފިއެވެ.

ސަރުކާރުން ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރުފަހު 15:30 އާންމުކޮށް ހުޅުވާލަފައިވާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް ޒަމާނީ ވަޞީލަތްތައްތަކާއި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދަޢުލަތާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ކުރި މަސައްކަތެކެވެ.

މި މަޝްރޫޢުގައި ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީގެ ދަށުން އައު ޝޯކޭސްތައް ބެހެއްޓުމާއި، ޑިޖިޓަލް ސްކްރީންތަކާއި މަޢުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި، ދާރުލްއާސާރުގެ އާބަތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކޮށްފައެވެ. މި މަސައްކަތް ކުރުމަށް ބީ.އެމް.އެލްގެ ސީ.އެސް.އާރްގެ ދަށުން 2 މިލިޔަން ރުފިޔާގެ އެހީއެއް ދިންކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް އިމާރާތުގެ އާބާތުރަ ފިލުވައި އެތަނުގެ ފިނުހޫނުމިން ބަލަހައްޓާ ނިޒާމު ވަނީ ޒަމާނީކޮށް ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށްފައެވެ. އަދި ޢިމާރާތުގައި ސަލާމަތީ ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ވަނީ ޤާއިމްކޮށްފައެވެ. މި ކަންކަމަށް ދައުލަތުގެ ބަޖެޓުން 4.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން އެތަނުގެ ތަރައްޤީއަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، ދާރުލްއާސާރު އަދިވެސް އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް އިތުރުކުރުމަށް ރާވާފައިވާކަމަށެވެ. އަދި މި ފަހަރު ތަރައްޤީކުރުމަށް ކުރި މަސައްކަތަށްފަހު އަލުން ހުޅުވާފައިވަނީ ކުރިން ދާރުލްއާސާރުގައި މައުރަޒު ކުރެވިފައިވާ ނުވާ އައު ބައެއް އާސާރުތަކާއެކުގައިކަމަށެވެ.

ޤައުމީ ދާރުލްއާސާރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ މެއި މަހު ޙަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި، ސަޤާފަތާބެހޭ ހުރިހާ މަޢުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފުރުޞަތު ފަހިކޮށްދީފައިވާ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީޚުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްޤީގެ މަރުޙަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކާއި ރާއްޖޭގައި ފާހަގަކޮށްފައިވާ ޚާއްސަ ކަންތައްތަކުގެ މަޢުލޫމާތުވެސް ދާރުލްއާސާރުގައި ރައްކާކޮށްފައިވެއެވެ. އަދި އެކި ދުވަސްވަރު ދިވެހިންގެ ދިރިއުޅުން ދައްކުވައިދިން ވަރަށް ގިނަ ތަކެތި ފެންނަންހުރީ މި ދާރުލް އާސާރުގައެވެ. ދިވެހިންގެ ސަޤާފަތާއި ތަރިކަ އަދި ފަންނުވެރިކަން ދައްކުވަދޭ ތަކެތި ހިމެނެއެެވެ.