ޚަބަރު

ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ރަށްރަށް ފުރަން ފަށައިފި


  • އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހުރިހާ ރަށަކަށް ފުލުހުން ދާނެ

  • ރޭ ފަތިހުން ފެށިގެން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް

އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ.

އެގޮތުން، ރޭ ފަތިހުން ފެށިގެން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުންނެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ފުރާނީ މާދަމާއެވެ.

ފުލުހުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައިވެސް ޤާއިމްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ޤާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.