ޚަބަރު

މުލި-ނާލާފުށީ ކޯޒްވޭ އެޅުމާއި މުލަކު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • ނާލާފުއްޓާއި މުލީ ގުޅާލާނީ 565 މީޓަރުގެ ކޯޒްވޭއަކުން

  • މިމަސައްކަތް ހަވާލުކުރީ 600 ދުވަހުގެތެރޭގައި ނިންމާގޮތަށް 125.58 ރުފިޔާއަށް

މ. މުލި-ނާލާފުށީ ކޯޒްވޭ އެޅުމާއި އެއަތޮޅު މުލަކު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރައްވައިފިއެވެ.

މިމަޝްރޫޢުގެ ދަށުން މ.ނާލާފުށްޓާއި މުލީ ގުޅާލާނީ 565 މީޓަރުގެ ކޯޒްވޭއަކުންނެވެ. ކޯޒްވޭގެ މަސައްކަތް ކުރިއަށްދާނީ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓްގައި އަޅާނީ 105 މީޓަރުގެ ބްރިޖެކެވެ. އަދި ދެވަނަ ސެގްމަންޓްގައި ތާރު އަޅައިގެން ކޯޒްވޭގެ މަގުތައް ހަދާނެއެވެ. މީގެ އިތުރުން ތިންވަނަ ސެގްމަންޓްގައި ކޯޒްވޭ އަޅާ ސަރަަހައްދުގައި 112 މީޓަރުގެ ސަރައްހައްދެއްގައި ރިވެޓްމަންޓްޖަހައި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރެއްވީ 600 ދުވަހުގެތެރޭގައި ނިންމާގޮތަށް 125.58 މިލިއަން ރުފިޔާއަށެވެ.

އެއަތޮޅު މުލަކު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި 44,500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، މިހާރު އޮތް 23,100 ބަނދަރު ފުން ކުރުމުގެ އިތުރުން، 2,520 ކިއުބިކް މީޓަރ ނެރު ފުން ކުރުން ހިމެނެއެވެ. މީގެއިތުރުން 253 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި، 210 މީޓަރ ސޭންޑްފިލް ކީވޯލް ޖެހުމާއި ބޮޑުހިލައިން 25 މީޓަރުގެ ނެރު ފައިކަށިޖެހުމާއި، 13 މީޓަރ ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަސައްކަތްތަކުގެ އިތުރަށް 53 މީޓަރ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 284 މީޓަރު އެއްގަމު ތޮށިލުމާއި، 284 މީޓަރު ސްކޯރިންގ އެޕްރޮން ޖެހުމާއި، 57 މޫރިންގ ރިންގް ހަރުކޮށް 8 މޫރިންގ ބޮއި ހަރުކުރުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާ ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މިމަޝްރޫއުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކުރެއްވީ 485 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށް 62.63 މިލިއަން ރުފިޔާއަށެވެ.

މި ދެ އެއްބަސްވުމުގައިވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް އެވެ.