ޚަބަރު

މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް


  • ދަންވަރު ގަޑިއިރަކުން ގަޑިއިރަކުން ބަހުގެ ދަތުރުތައް އޮންނާނެ

  • ދަންވަރު މަސައްކަތްތައް ދާ އަދި މަސްކަތުން އެނބުރި އަންނަ މީހުންނަށް ލުއިފަސޭހަ ކުރަން

  • ދަތިވާނަމަ އެގަޑިތަކަށްވެސް ބަދަލު އަންނާނެ

މާލޭއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނިންމައިފިއެވެ. އެގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކުވެސް 12:30ގެ ފަހުންވެސް މަލެއާ ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން ދަންވަރު 12:30 ގެ ފަހުން ފަތިހު 5:30 ވަންދެން ކޮންމެ 1 ގަޑިއިރުން ދަތުރުތައް ބާއްވަމުން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ވަރަށް ގިނަ ރިކުއެސްޓް އެބައާދޭ ދަންވަރު 12:30 ގެ ފަހުން ބަހުގެ ދަތުރުތައް ނޯންނާތީ. ޚާއްސަކޮށް ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދިވެސް އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުން ދަންވަރަށް ޑިއުޓީއަށް ގޮސް އަންނަން އެބަޖެހޭ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި ދަންވަރު ކޮންމެ 1 ގަޑިއިރުން 1 ގަޑިއިރު ބަހުގެ ޚިދުމަތް ލިބެމުންދާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ މީހުންނަށް ލުއިފަސޭހަ ވާނެކަމަށެވެ. އަދި މިހާރު މިގޮތަށް ނިންމިނަމަވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޭނުންވާނަމަ ދަންވަރު ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލެ ފޭސް 1 ދެމެދު ބަހުގެ ޚީދުމަތް ދެނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އަދި ފޭސް 2 އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ. މިހާތަނަށް ބަހުގެ ޚިދުމަތް ދެމުން އަންނަނީ ފަތިހު 5:30 އިން ދަންވަރު 12:30 އަށެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދިނުމުގެ އިތުރަށް މާލެ އާއި ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތްވެސް ދެމުންނެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ބަހުގެ ޚިދުމަތް ދެމުން އަންނައިރު އަންނަ ހަފްތާގައި ދިއްދޫގައި ބަހުގެ ޚިދުމަތް ފެށުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.