ޚަބަރު

ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނާއެކު ފަތުރުވެރިކަމަށް ބޮޑު ބަދަލެއް ގެނުވާނެ: ޑރ. މަޢުޞޫމް


  • މި އެކްޝަން ޕްލޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބަދަލެއް ގެނުވާނެ ޕްލޭނެއްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މި އެކްޝަން ޕްލޭނަކީ ރާއްޖޭގައި ފަތުރުވެރިކަމާއި މޫސުމާއި ގުޅުވާ އެކުލަވާލި މިފަދަ ފުރަތަމަ އެކްޝަން ޕްލޭނެވެ.

ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން އިފްތިތާޙުކުރުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، މި އެކްޝަން ޕްލޭނަކީ ރައްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަމަށެވެ. މި ޕްލޭނާއެކު ރާއްޖޭގެ މޫސުމާއި އެއްގޮތަށް ފަތުރުވެރިކަން ބައްޓަން ކުރެވޭނެ ކަމުގައި މިނިސްޓާރ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑުމެން ފުރަތަމަ ޓޫރިޒަމް ސެކްޓަރ ކްލައިމެޓް އެކްޝަން ޕްލޭން އިފްތިތާޙްކުރެވުމަކީ. މޫސުމަށް އަންނަ ބަދަލުތާއި ދެކޮޅަށް ވަކާލާތުކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޕްލޭނެއް ކޮންމެ ދާއިރާއަކުންވެސް އޮތުން މުހިންމުކަމުގައި ދެކެން. މިއީ ޤައުމީ މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމުގައިވެސް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް." ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވިއެވެ.


ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭންގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް އީޖާދީ ހައްލުތަކެއް ހޯދުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އެއް ޤައުމަށް ރާއްޖެ ހެދުމެވެ. މަޤްޞަދަކީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ގްލޯބަލް ލީޑަރަކަށް ހެދުމެވެ. އެގޮތުން މި ދާއިރާއިން ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި އެޅިދާނެ މުހިންމު ފިޔަވަޅުތައް މި ޕްލޭންގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ މޫސުމާއި ހިތްގައިމު ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއާއި އޮތް ގުޅުން ފާހަގަކުރައްވާ، މި އެކްޝަން ޕްލޭންގައި ހިމެނޭކަންކަން ޙާޞިލުކުރުމަށް އިންޑަސްޓްރީ ގުޅިގެން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އެމެރިކާގެ އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވޮލޮޕްމެންޓް، ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު އެކުލަވާލި މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނަކީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށްވެސް ރިޢާޔަތްކޮށްގެން އެކުލަވާލާފައިވާ ޕްލޭނެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.