ޚަބަރު

ކުނި މެނޭޖްކުރަން ރާއްޖެއަށްވުރެ ވަކިން އިތުރަށް މަސައްކަތްކުރަންޖެހޭ ޤައުމެއް ނެތް- ނައިބު ރައީސް


  • މާލޭގައި ތަރައްޤީކުރި ޒަމާނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިފްތިތާޙުކޮށްދެއްވީ ނައިބު ރައީސް

  • މި މަސައްކަތުގައި ވަނީ 5 ފަންގިފިލާގެ އޮފިސް އިމާރާތްވެސް އިފްތިތާޙުކޮށްފައި

  • ދެ ފިޔަވައްސަކަށް ކުރިއަށްގެންދާ މަޝްރޫޢުކީ 211މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

ރާއްޖޭގެ މުޅި އިޤްތިޞާދު ބަރޯސާވަނީ ރާއްޖޭގެ ގުތުރަތީ ވެއްޓަށްކަމަށާއި، އެހެންކަމުން ކުނި މެނޭޖްކުރުމުގައި ރާއްޖެއަށްވުރެ ވަކިން އިތުރަށް މަސައްކަތްކުރަންޖެހޭ ޤައުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގައި ކުނި ރަނގަޅަށް މެނޭޖުކުރެވޭނެ ނިޒާމެއް ޤާއިމުރުމަކީ ސަރުކާރަކުން ރާއްޖެއަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ވަންނަނީ ރާއްޖޭގެ ކަނޑުފަޅާ ސާފު ގޮނޑުދޮށްތައް ވިއްކައިގެން ލިބޭ އާމްދަނީކަމަށެވެ. ރާއްޖޭގެ އެތައް ބަޔަކު މިދާއިރާގައި މަސައްކަތްކުރާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުން ފައިދާއެއް ނުކުރާ އާއިލާއެއް ރާއްޖޭގައި މަދުވާނެކަމަށެވެ. އެހެންކަމުން އެކަށީގެންވާ ނިޒާމަކުން ކުނި ނައްތާލެވުމަކީ މިކަން ދެމެހެއްޓޭނެ އެންމެ މުހިންމު ގޮތްކަމަށެވެ.

"ކުނި މެނޭޖުކުރުމުގެ ފައިދާ އެތަށް ގޮތަކުން ލިބޭނެ. ކުނި އެބަވެގެންދޭ ބޭނުންހިފޭނެ އެއްޗަކަށް. ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް ހިންގަން ދަނީ ތައްޔާރުވަމުން. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު މުޅިން ބަރޯސާވަނީ ރާއްޖޭގެ ގުދުރަތީ ވެއްޓަށް. އެހެންވީމަ މިއަށްވުރެ މުހިންމުކަމެއް ވަކި ނެތް." ނައިބު ރައީސް ވިދާޅުވިއެވެ.

މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ، މާލޭގެ އާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އަދި އޮފީސް އިމާރާތް އިފްތިތާޙުކޮށްދެއްވާފައެވެ.

އާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން، ކުނި މާލެއިން ކަލެކްޓްކޮށް، ތިލަފުއްޓަށް އުފުލުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެއެވެ. އެގޮތުން ވެހިކަލްގައި ކުނި ބަހައްޓައިގެން ކުނީގެ ބަަރުދަން ބެލުމާއި، ކުނި ވަކިކޮށް ކޮންޓެއިނަރުގައި ޕެކުކޮށް، އަދި އެކަމަށް ޚާއްސަ އުޅަނދުތަކުގައި ކުނި ތިލަފުއްޓަށް ގެންދާނެއެވެ. މިއީ ކުނި ކަލެކްޓްކުރާ 300 ވެހިކަލްއަށް ގަޑިއަކު ކުނި ހުސްކުރެވޭނެ ފެސިލިޓީއެކެވެ. މި ސްޓޭޝަނާއިއެކު، ކުރިން ކުނި އުކަމުންދިޔަކޮށް ހާމއަށް ބާޖުތަކަށް އަޅައިގެން ކުނި އުކުން ނިމުމަކަށް އަންނާނެއެވެ.

މީގެއިތުރުން، ކުނި މެނޭޖްކުރާ އިދާރާތަކަށް ފަސޭހައިން އެކުގައި މަސައްކައްކުރެވޭނެ، 5 ފަންގިފިލާގެ އޮފީސް އިމާރާތެއް ވޭސްޓް ސްޓޭޝާންގައި ވަނީ އަޅާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްތަކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެ މަސައްކަތެއްކަމަށެވެ. މި ސްޓޭޝަނާއިއެކު، އެންމެ ބޮޑު އިސްކަމެއް ދެން ދޭނީ، ކުނި ވަކިކުރެވޭކަން ކަށަވަރުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ކަމަކަށްވަނީ، މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޒާމާނީ އެންމެ ފުރިހަމަ ސްޓޭޝަނަކަށް ވުން. ދެން ކުނި ގެންދާނީ ބާވަތް ވަކިކޮށް. މީގެއިތުރުން ކުނިއުކުރުމަށް ޚާއްސަ ޒަމާނީ ވެހިކަލް ފްލެޓްވެސް މިހާރު ރާއްޖެއަށް ގެނެސްފިން." މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ބޭރުގެ ޤައުމުތަކާއި، ޖަމިއްޔާތަކުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ޕްރޮޖެކްޓްގެ ދެ ފިޔަވަހިގެ މަސައްކަތަށް 211 މިލިއަން ޑޮލަރު ހޭދަވެއެވެ. މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި މާލެ، ކ.އަތޮޅު، އއ، އދ އަދި ވ އަތޮޅު ހިމެނެއެވެ.