ޚަބަރު

ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތާއެކު ކިނބިދޫގެ ޞިއްޙީ ފަރުވާ އައު ހަރުފަތަކަށް


  • ކިނބިދޫ ޞިއްޙީ މަރުކަޒު މިވަގުތު ހިންގަމުން އަންނަނީ ޒުވާނުންގެ މަރުކަޒުގައި

  • އައު ޢިމާރާތުގެ މަސައްކަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

  • މަޝްރޫޢު ކުރިއަށްދަނީ އަމޭން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެން

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މިގޮތުން ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އެތައް މަޝްރޫޢުއެއް އަތޮޅުތަކުގައި މިހާރުވެސް ކުރިއަށްދާއިރު، މީގެ ތެރޭގައި ޖާގަ އިތުރުކުރުމާއި، އައު ޢިމާރާތްތައް އެޅުން ހިމެނެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތައް ހުރީ އަޅާނުލެވި ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައެވެ. މީގެ ތެރެއިން އެއް ތަނަކީ ކޮޅުމަޑުލު ކިނބިދޫ ޞިއްޙީ މަރުކަޒެވެ.

600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތ. ކިނބިދޫގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ދޭން ފަށާފައިވަނީ މީގެ 19 އަހަރު ކުރިން 2004 ގައެވެ. 20 ސްޓާފުންނާއެކު މިތަނަކީ މިވަގުތު 16 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.

ހެލްތު ސެންޓަރު ދުވަސްވެ ބާވުމުގެ ސަބަބުން ކިނބިދޫގައި އައު ހެލްތު ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ، 2020 ވަނަ އަހަރުން ފެށިގެން ހެލްތު ސެންޓަރު މިވަގުތު ހިންގަމުން އަންނަނީ ޒުވާނުންގެ މަރުކަޒުގެ ޢިމާރާތުގައި ވަގުތީ ސެޓަޕެއް ހަދައިގެންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކިނބިދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޢާތިފް ވިދާޅުވީ، އެ ސެންޓަރުގައި މިވަގުތު މަސައްކަތްކުރަމުންދަނީ އާއްމު ބަލިތަކާބެހޭ އެންމެ ޑޮކްޓަރެއްކަމަށެވެ. އަދި ތަހުލީލުތައް ހެދުމުގެ މަސައްކަތް ކުރަމުންދަނީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެންކަމަށެވެ.

ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ޢިމާރާތަކީ ސީދާ ޞިއްޙީ ފަރުވާގެ ކަންކަމަށް ޚާއްސަކުރެވިގެން ތައްޔާރުކޮށްފައިވާ ތަނެއްނޫންކަމުން، އެންމެ ބޭނުންވާ ގޮތަށް ޚިދުމަތް ދިނުމުގައި އުނދަގޫތަކެއް ހުރިކަން ޢާތިފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އައު ޢިމާރާތުގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓްރެކްޓަރ ވިދާޅުވަނީ ނޮވެމްބަރުގެ ފަހުކޮޅަށް އެތަނުގެ އިމާރާތައް ވަދެވޭވަރުކޮށްދޭނަމޭ. ސްޕީޑާ ދޭތެރޭގައި މިހާރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެބައޮތް. މިދޭތެރެއިން ހިނގައްޖެ ވަރަށް ލަސްކޮށް ދިޔަ ދުވަސްކޮޅެއްވެސް. އެހެންނަމަވެސް މިހާރު މަސައްކަތް ފެންނަން ފަށައިފި. އެހެންވީމަ ލަފާކުރެވެނީ ކޮންޓްރެކްޓަރ ދެއްވާފައި އިން މުއްދަތަކަށް ނިންމާލެވޭނެކަމަށް" ޢާތިފް ވިދާޅުވިއެވެ.

ކިނބިދޫ ހެލްތު ސެންޓަރުގެ އައު ޢިމާރާތުގެ މަސައްކަތް ކުރަމުންދަނީ އަމޭން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށްބަލާއިރު ތަނބުޖެހުމާއި، ކޮންކްރީޓް މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ދެން އޮންނާނީ އިމާރާތް ރޭނުމާއި، ހިޔާ ކުރުމުގެ މަސައްކަތްތަކެވެ.

އައު ޢިމާރާތާއެކު، ޞިއްޙީ މަރުކަޒަކުން ލިބޭނެ އެންމެ ފުރިހަމަ ޚިދުމަތްތައް ކިނބިދޫގެ ރައްޔިތުންނަށްވެސް ލިބިގެންދާނެއެވެ. އެގޮތުން އައު އިމާރާތުގައި 5 ވޯޑަކާއި، ޑޮކްޓަރުން ބަލާ 3 ކޮޓަރި ހުންނާނެއެވެ. އަދި ލެބޯޓްރީއަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ޖާގަވެސް ލިބިގެންދާނެއެވެ.

ކިނބިދޫ ރައްޔިތުންގެ އުއްމީދަކީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި، އެތަނުން ޚިދުމަތްދޭން ފެށުމެވެ.