ޚަބަރު

ކުޅުދުއްފުށީގައި އިތުރު 1000 ހައުސިންގ ޔުނިޓު ތަރައްޤީކޮށްދެއްވުމަށް ރައީސް ނިންމަވައިފި


  • ކުޅުދުއްފުށީގައި މިހާރުވެސް 400 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ކުރިއަށް އެބަދޭ

  • ކައުންސިލްގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 1000 ޔުނިޓު ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައި

  • މިމަހު ނުވަތަ އަންނަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރާއި މަސައްކަތް ޙަވާލުކުރެވޭނެކަމުގެ ޔަގީންކަން ދެއްވި

ކުޅުދުއްފުށި ސިޓީގައި އިތުރު 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިހާރުވެސް ސަރުކާރުން އަންނަނީ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މިހާރުވެސް ބޯހިޔަވަހިކަމުގެ މަޝްރޫޢެއް ކުޅުދުއްފުށި ސިޓީގައި އަންނަނީ ހިންގަވަމުންނެވެ. އެންމެ ފުރަތަމަ 224 ޔުނިޓު ތަރައްޤީކުރުމަށް ހަމަޖެހިގެންދިޔަ މި މަޝްރޫޢު 400 ޔުނިޓަށް އިތުރުކޮށްދެއްވާފައިވަނީ ކައުންސިލުން އެދިލެއްވިގޮތަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކުންކަން ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާތިފް ވިދާޅުވީ، އިތުރުކޮށްދެއްވި ޔުނިޓުތަކާއެކުވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ޙައްލުނުވާކަމަށެވެ. އެހެންކަމުން އަނެއްކާވެސް ކައުންސިލުން ސަރުކާރުގައި ދެންނެވި ދެންނެވުމަކަމަށް މި ސިޓީގައި އިތުރު 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ އެމަސައްކަތް ޙަވާލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޢާތިފް ވިދާޅުވިއެވެ.

"މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ ޔަޤީންކަން ދެއްވާފައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި ނުވަތަ އޯގަސްޓް މަހުގެ ފަހުކޮޅު އިތުރު 1000 ހައުސިންގ ޔުނިޓު، ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުގެ ދަށުން އެޅުމަށް ޙަވާލުކުރެވިގެންދާނެކަމަށް." ޢާތިފް ވިދާޅުވިއެވެ.

ޢާތިފް ވިދާޅުވީ މިއާއެކު ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާނެކަމަށެވެ. އެގޮތުން މިހާރުވެސް ބޯހިޔާވަހިކަމަށް އެދިގެން ތިބި 1200 އެއްހާ ޢާއިލާ ތިބިކަން ޢާތިފް ފާހަގަކުރެއްވިއެވެ.

"މިއީ މިއަދު ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބިގެންދާ އެންމެ އުފާވެރި ޚަބަރު. މިދިމާވެފަ އޮތް ބޮޑު މައްސަލައަށް، އަޅުގަނޑުމެނަށް އެވަރުގެ ޕްރޮޖެކްޓެއް ލިބިއްޖެނަމަ، މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެނަށް އޭގެތެރެއިން ޙައްލު ލިބިގެންދާނެ. އަޅުގަނޑުމެން މިދައްކަނީ 1400 ޔުނިޓުގެ ވާހަކަ. މިހާރު ހިނގަމުންދާ 400 ޔުނިޓާއި އިތުރު 1000 ޔުނިޓުގެވާހަކަ." ޢާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ މަޝްރޫޢުގެ ދަށުން 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 5 ޓަވަރުގެ ތެރެއިން 2 ޓަވަރެއްގެ ފައުންޑޭޝަން މަސައްކަތް މިހާރުވަނީ ނިމިފައެވެ. 11 ފަންގިފިލައަށް ތަރައްޤީކުރާ މިޓަވަރުތަކުގައި ކޮންމެ ފަންގިފިލައެއްގައި 8 އެޕާޓްމަންޓް ހުންނާނެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ޚާއްސަ ކުރަނީ ކޮމަރޝަލް ބޭނުންތަކަށާއި ޕާކިންގއަށްކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ތަރައްޤީކުރާ މި ހައުސިންގ މަޝްރޫޢު ދުޅު އަހަރުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ. މިއީ 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.