ޚަބަރު

މަކުނުދޫ ބިން ހިއްކަން ތައްޔާރުވެއްޖެ، 1އަހަރުން ނިންމާނެ


  • ދަތުރުފަތުރުގެ ދަތިކަން އިންތިހާއަށް އޮތް

  • އެއަރޕޯޓާއެކު ޙައްލެއް އަންނާނެ

  • އެއް އަހަރު ދުވަހުން އެއަރޕޯޓް ނިންމާނެ

  • 1500 މީޓަރުގެ ރަންވޭއެއް

  • އެތެރޭގެ އުދުހުންތަކަށް ޚާއްޞަ

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސްއާއެވެ.

ހދ.އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އެކަހެރިކޮށް އޮންނަ މަކުނުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ދަތުރުފަތުރަށް އެޅިފައިވާ ހުރަހެވެ. ރަށުގައި ލިބެން ނެތް އެތައް ޚިދުމަތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީއަށް ބަރޯސާވާންޖެހިފައިވީނަމަވެސް، މަކުނުދޫ ރައްޔިތުން ކުޅުދުއްފުއްޓަށް ދިޔުމަށް އައީ ބޮޑު ހޭދައެއް ކުރަމުންނެވެ. މިމައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުންވަނީ މަކުނުދޫގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަށް ނިންމަވާފައެވެ. އަދި މިހާރު މިކަމުގެ ޢަމަލީ މަސައްކަތް ފެށުމަށްއަންނަނީ ތައްޔާރުވަމުންނެވެ. ބިގްފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން މިމަސައްކަތް ފެށުމަށް މިރަށަށްވަނީ ސާމާނު ގެނެސްފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް ފާޠިމަތު ޝިފާޒާ ވިދާޅުވީ، ޑްރެޖަރު ގެނެސް ބިންހިއްކުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

"ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއެކު އަންނަ އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިމިގެންދާނެކަމަށް އަޅުގަނޑުމެން މިބަލަނީ." ޝިފާޒާ ވިދާޅުވިއެވެ.

އެއަރޕޯޓުގެ ކުރިންވެސް މަކުނުދޫއަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އާރްޓީއެލް ފެރީއާއެކުވެސްވަނީ ލިބިގެން ގޮސްފައިކަން ޝިފާޒާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޤައުމީ ފެރީ ނިޒާމާއެކު މީގެކުރިން ރައްޔިތުން ދަތުރުފަތުރަށް ކުރަމުންއައި ބޮޑު ހޭދަ ކުޑަވެފައިވާކަމަށެވެ. މީގެކުރިން 5000 ރުފިޔާއަށް ކުރަމުންދިޔަ ލޯންޗް ދަތުރު މިހާރު އޭސީ ސްޕީޑް ލޯންޗުގައި 100 ރުފިޔާއަށް ކުރެވޭކަން ޝިފާޒާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އެހެން ރަށްތަކާއި ޚިލަފަށް އަޅުގަނޑުމެންނަކީ ދަތުރުފަތުރުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ބައެއް. އަޅުގަނޑުމެންނަށް މަޑު ދުވަހެއްގައިވެސް މަޑެއް ނުވާނެ. އެހެންވީމަ އެއަރޕޯޓް މަޝްރޫޢަކީ މަކުނުދޫ ރައްޔިތުން ކެނޑިނޭޅި ކުރާ އުއްމީދެއް." ޝިފާޒާ ވިދާޅުވިއެވެ.

ފެރީގެ ދަތުރު އޮތްނަމަވެސް އާދައިގެ ވަަރަކަށް ގަދަވާ ދުވަސްދުވަހުވެސް މަކުނުދޫ ހިމެނޭ ސަރަޙައްދުގެ ކަނޑުތައް ވަރަށް ގަދަވެއެވެ. ދަތުރުތައް ކެންސަލް ކުރަންޖެހޭ ޙާލަތްތައް ކުރިމަތިވެއެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް މިރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރާ މަޝްރޫޢެކެވެ.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލާ، ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ރަށު ބަންދުގައި ތާށިވެފައިވާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އުތުރުން ފެށިގެން ދެކުނާއި ހަމައަށް އެކި ސަރަޙައްދުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމާއި، ޤައުމީ ފެރީގެ ނިޒާމުން ރަށްތައް ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބުގައި އެއަރޕޯޓު އަންނަނީ ތަރައްޤީކުރަމުންނެވެ.