ޚަބަރު

ދެކުނު ސަރަހައްދުގައި އާރްޓީއެލުން ހިލޭ ދަތުރުކުރެވޭ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް


  • ދެކުނު ސަރަހައްދުގައި އާރްޓީއެލުން ހިލޭ ދަތުރުކުރެވޭ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް

  • ކުރިން އަގުނަގަން ހަމަޖެހިފައި އޮތީ މިމަހުގެ 25ވަނަ ދުވަހުން ފެށިގެން

  • އާރްޓީއެލް ފެރީން ދަތުރުކުރުމަށް އެ ރަށެއްގެ ކައުންސިލަށް ގުޅުމުން ޖާގަ ހަމަޖެހޭނެ

ހުވަދޫއާއި، އައްޑޫ އަދި ފުވަމުލަކު ސިޓީގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތަށް އަހުލުވެރިވުމަށް ހިލޭ ދަތުރުކުރެވޭނެ މުއްދަތު މިމަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ފެށި އެ ޚިދުމަތަށް، ކުރިން އަގުނަގަން ހަމަޖެހިފައި އޮތީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މިހާރު އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެމްޓީސިސީން ބުނެއެވެ. އެގޮތުން އެ ސަރަހައްދުތަކުގައި އާރްޓީއެލް ފެރީން ދަތުރުކުރުމަށް އެ ރަށެއްގެ ކައުންސިލަށް ގުޅުމުން ޖާގަ ހަމަޖެހޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޚިދުމަތަށް އަހުލުވެރި ކުރުވުމަށް ބާއްވާ ދަތުރުތަކަށް މުއްދަތު ހަމަވުމާއެކު، ޓިކެޓް ގަންނަން ޖެހޭނީ އެ ކުންފުނިން އެކަމަށް ޚާއްސަ ކޮށްފައިވާ ވެބްސައިޓު ނުވަތަ އެޕުންނެވެ. އަދި އަގު ނަގަން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދޫ އަތޮޅުގައި ވެސް އާރްޓީއެލްގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

ޤައުމީ ފެރީ ވިއުގައަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ތަފާސްހިސާބަށް ބަލާއިރު، އާރްޓީއެލްގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްގެ ތެރޭގައި 260000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާއިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ފެރީގެ ނިޒާމުގެ ސަބަބުން މީގެކުރިން އެކެހެރިވެފައިވާ އެތައް ރަށަކަށް ދިޔުމުގައި ފަސޭހަތަކެއްވަނީ ލިބިފައެވެ. ހަމައެއާއެކު ބޮޑު ހޭދަކޮށްގެން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު މިހާރުވަނީ ފަހިވެގެންގޮސްފައެވެ.