ޚަބަރު

ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި


  • ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު

  • ދުވަސް ލަސްވީ އިދާރީ ގޮތުން ކުރަން ހުރި ބައެއް މަސައްކަތްތައް ނުނިމި ހުރުމުން

  • މާލޭގެ ރައްޔިތުންނަށް 9000އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވޭ

ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ މިއަދު ހަވާލުކުރައްވާނެ ކަމަށް ކުރިން ހާމަކުރައްވާފައިވީ ނަމަވެސް އިދާރީ ބައެއް ކަންތައްތައް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ގެންދަވާނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9000އަށްވުރެ ގިނަ ބިމެވެ. ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތުނެގުން ހަފްތާއަކަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ

ޕްލޭނިން މިނިސްޓްރީ ގެންދަވަނީ، ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާ އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމެމުންދާވަރަކަށް، އެތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެއެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުން ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ 40އަށްވުރެ ގިނަ އަހަރު ވެފައިވާއިރު މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބަންޑާރަ ގޯތި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. އަހަރުތަކަކަށްފަހު މާލޭގެ ރައްޔިތުންގެ މިހުވަފެން ހަގީގަތަކަށްވުމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މާލޭގެ ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.