ޚަބަރު

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހަދަނީ


  • މިތަން ހަދަނީ ހުޅުމާލެ ފޭސް1 ގައި

  • ވަކިން ޓޫރިސްޓް ބީޗެއް ނެތުމުން އެކަމުގެ ޝަކުވާ ވަރަށް ބޮޑު

  • މިތަން ތަރައްޤީކުރާނީ ޒަމާނީ ވަސީލަތްތަކާއިއެކު

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިތަން ތަރައްޤީކުރަނީ ހުޅުމާލޭގެ ފޭސް 1 ގައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ޓޫރިސްޓް ބީޗަކީ ހުޅުމާލެއަށް ވަރަށް ބޭނުންވެފައިވާ ތަނެއްކަމަށެވެ. މިތަން ޑިޒައިން ކުރުމުގައިވެސް ޓޫރިޒަމް މިނިސްޓްރީގެ ޓީމާއި އަދި އެޗް.ޑީ.ސީގެ ޓީމާއި އިންޑަސްޓްރީ ބޭފުޅުންގެ ޚިޔާލަށް ބަލާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުޅުމާލެއަކީ ވަރަށް ގިނަ ޓޫރިސްޓް ފެސިލިޓީތައް ހުރިތަނެއް. ދެން އަޅުގަނޑުމެން ޓޫރިޒަމް ތަރައްޤީކުރަމުން ގެންދާއިރުގައި މިބަލަނީ ދިވެހިންނާއި ޓޫރިސްޓުންނާއި ވީހާވެސް އަމާންކަމާއި އޮމާންކަމާއިއެކު އެކަންތައް ގެންދެވޭތޯ. ވަކިން ޓޫރިސްޓް ބީޗެއް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަންއާއި އަދި ބޯޓިން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައި. ވަރަށް ފުރިހަމަ ބީޗެއް ހެދުމުގެ މަސައްކަތް މި ފެށުނީ" މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، ހުޅުމާލޭގެ ބީޗަކީ މިހާރު މާލެ ސަރަޙައްދުގެ ވަރަށް ގިނަ މީހުން ބޭނުންކުރަމުން އަންނަ ތަނެއްކަމަށެވެ. ވަކި ޓޫރިސްޓް ބީޗެއް ނެތުމުގެ ސަބަބުން ހުޅުމާލޭގައި އޮޕަރޭޓްކުރަމުން އަންނަ ގެސްޓްހައުސްތަކާއި އަދި ސަފާރީ ބޯޓުތަކުގެ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް އާތިފް ވިދާޅުވިއެވެ. އަދި ބައެއް ބިކިންތައްވެސް ކެންސަލްވާކަން އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އެ ސައިޓް ކްލިއަރކޮށް މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. ލޮކޭޝަންއަކީ ހުޅުމާލޭގެ ފޭސް 1 ގައި ބްރިޖުން އަރައިގެން އަންނައިރު ވޯޓަރ ތީމް ޕާކާއި އެމްޓީސީސީ ބަސް ޓާރމިނަލްގެ ފުރަގަސް. އެތަނަކީ ރެސިޑެންސްއާއި ތަންކޮޅެއް ދުރު ސަރަހައްދެއް. ޓޫރިސްޓުންނާއި އަދި ލޯކަލްސްއާއި 2 ބައިމީހުންނަށްވެސް ކޯ އެގްޒިސްޓް ވެވޭ ބެރިއާރސްވެސް އިން ސަރަހައްދެއް" އާތިފް ވިދާޅުވިއެވެ.

މި ޓޫރިސްޓް ބީޗް ތަރައްޤީކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ވަދެ ނިކުމެވޭނެ ފަދަ ގޮތަކަށެވެ. އަދި މިތަނުގައި ބެންޗުތަކާއި ލައިފްގާޑް ހަޓަކާއި، ފާހަނާތަކާއި، އިށީންދެލައިގެން ތިބެވޭނެ ތަންތަން ހުންނާނެކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ކިއޮސްކްތަކާއި، ޗޭންޖިން ރޫމްތަކާއި، ލޮކަރުތަކާއި، ކޮމިއުނިޓީ ފެންވެރޭނެ އިންތިޒާމްވެސް ހުންނާނެއެވެ.