ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތާއި، ހިތާދޫ އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި


  • ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން މިޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓެއް

  • އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމް

  • ހިތާދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 800 ކިލޯވޮޓް

ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތާއި، ބ. ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބ. އޭދަފުށީގައި ހުންނަ، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތާއި، ބ. ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ، މިހާރު އެމަނިކުފާނު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ، އެ ހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރެވުނު ޢިމާރާތެކެވެ.

މި ޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ. ބ އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޢިމާރާތް ބައްލަވާލައްވައި، ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބ. ހިތާދޫއަށް ވަޑައިގެން އެރަށުގެ އިންޖީނުގެއާ ފެނަކަ އައު އޮފީސް ޢިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ.

ހިތާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ، 15 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 800 ކިލޯވޮޓްއެވެ. ހިތާދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.