ޚަބަރު

ކުރީ ސަރުކާރުން ގޯތި ލިބޭނެކަމަށް ބުނެ ލިޔުންދިން މީހުންނަށް ގޮތެއް ހޯދައިދޭނަން: ހައުސިންގ


  • ކުރީ ސަރުކާރުން ދިންލިޔުން ހުށައެޅުމަށް ވަނީ އެދިފައި

  • ލިޔުން ލިބިފައިވާ މީހުންނަށް ރަނގަޅު ގޮތެއް ހަދައިދޭނެކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޯތި ނުވަތަ ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކުރި މީހުން، އެ ލިޔުންތައް ކުރިއަށް އޮތް ހަފުތާ ތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށައެޅުމަށް އެމިނިސްޓްރީން އެދިއްޖެއެވެ.

ވިނަރެސް އެޕާޓުމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެފަހު ވަގުތު ގޯތި ނުވަތަ ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކުރި ފަރާތްތަކަށް ގޮތްތަކެއް ހޯދައިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަކްރަމް ވިދާޅުވީ މިސަރުކާރުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމާއެކު ވަރަށް ގިނަ މީހުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ލިޔުންތައް ހިފައިގެން މިނިސްޓްރީއަށް އަންނަމުން ދާކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށްދިނުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި ލިޔުން ލިބުނު މީހުން ކުރިއަށް އޮތް ހަފުތާ ތެރޭގައި އެލިޔުން މިނިސްޓްރީއަށް ހުށަހެޅުމަށް އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.

"ކުރީގެ ސަރުކާރުން އެންމެ ފަހުން ދޫކުރި ލިޔުން ލިބުނު ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް މިސަރުކާރުން މިހާރުވެސް މިދަނީ ވިސްނަމުން. އެގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން. މިހާރު އަޅުގަނޑުމެންގެ ފްލެޓްތަކާ މި ގޯތި ދޫކުރަން ފެށުމުން ވަރަށް ގިނަ ފަރާތްތަކުން އެބަ އާދޭ އެކިއެކި ލިޔުން ހިފައިގެން." ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓް ދޭނަކަމަށް ބުނެ ލިޔުން ހަވާލުކުރިނަމަވެސް އޭގެ އެއްވެސް ރިކޯޑެއް މިނިސްޓްރީގައި ނެތްކަމަށެވެ.

ކުރީ ސަރުކާރުތަކުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ގުޅީފަޅު ބޯހިޔާވަހިކަމުގެ މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންދިއުމަށް 2013ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމެވިއެވެ. މި ޕްރޮޖެކްޓް ހުއްޓަލުމުން، ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ގިނަ އާއިލާތަކަކުން އެތަންތަނަށް ބޮޑެތި އަދަދުތަކުން ފައިސާވެސް ދައްކާފައިވެއެވެ. އަދި 2016ވަނަ އަހަރު ފެށި ސީލައިފް މަޝްރޫޢުގައިވެސް މީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނަގާ، އެ ޕްރޮޖެކްޓާއި ހަވާލުވި ކުންފުނިން އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ސީލައިފް ކުންފުނިން އޮޅުވާލައިގެން ފައިސާ ނެގި މައްސަލަ، 200އަށްވުރެ ގިނަ މީހުން ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ.

ނަމަވެސް މި މައްސަލަ ވަނީ ކޯޓުން ބޭރުގައި ނިންމާފައެވެ. އެގޮތުން ގެއްލުންވި މީހުންނަށް 45މިލިއަން ރުފިޔާގެ ބަދަލެއްދީ، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާފައިވެއެވެ.