ޚަބަރު

ހިޔާ ލިސްޓުން އުނިކުރި އެންމެންނަށް ފްލެޓް ދޭނަން: މުޢިއްޒު


  • މުޢިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ބޯހިޔާވަހިކަމަށް

  • މައިގަނޑު 19 ބައެއް މެނިފެސްޓޯގައި ހިމެނޭ

  • މާލެ ސަރަައްދުގައި، 20އަހަރުން 65000 ގެދޮރު އުފެއްދުމުގެ ވަޢުދު

2018ވަނަ އަހަރު އިޢުލާންކުރި ހިޔާ މަޝްރޫޢުގެ ފްލެޓް ލިސްޓުގައި ހިމެނި، ނަމަވެސް މި ސަރުކާރުން ލިސްޓުތައް އުވާލާ އުނިކުރި ހުރިހާ މީހުންނަށް، އެންމެ އަވަަހަށް ޤާއިމުކުރާ ސޯޝަލް ހައުސިން މަޝްރުޢެއްގައި ފްލެޓް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯ އިޢުލާންކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި، މެނިފެސްޓޯ އިފްތިތާޙުކޮށްދެއްވީ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މުޢިއްޒުވަނީ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން ތަފްސީލްކޮށްދެއްވާފައެވެ.

މުޢިއްޒު ވިދާޅުވީ މެނިފެސްޓޯގައި އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ ގެދޮރުވެރިކަމާއި، އާބަނައިޒޭޝަންކަމަށެވެ. މުޖުތަމަޢުގައި ހުރި ކޮންމެ މައްސަލައެއްވެސް ގުޅި ނިމިގެން އަންނަނީ، ބޯހިޔާވަހިކަމުގެ މައްސަލައާއި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މުޅި ރާއްޖޭގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު ހައްލަކަށް ވާނީ ރައްޔިތުން ގެދޮރުވެރިކުރުވުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްގުގެދަށުން، އަމިއްލަ ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ގޯތި ލިސްޓުގައި ތިބި މީހުންނަށްވެސް، ލިސްޓު އުވާނުލާ ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. އަދި މީގެތެރެއިން ބިން ލިބި ގޯތި އެޅޭނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ ސްކީމެއްގެ ތެރެއިން ގޯތި އެޅޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވެއެވެ.

މީގެއިތުރުން، 2018ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ލިސްޓުގައި ހިމެނި، ފްލެޓް ނުދީ ތިބި މީހުންނަށް ގޯތި ކަށަވަރުކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

"ހިޔާ މަޝްރޫޢުން ފްލެޓް ލިބުނު އެތައް ހާސް ބަޔަކު ލިސްޓުން އުނިކުރި. މި އެންމެނަށް، ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މަޝްރޫޢުން ފްލެޓް ދޭނަން. އަލަތު ކައިވެނި، ނުކުޅެދުންތެރިކަން ހުރި މީހުންގެ ކެޓަގަރީތައް މީގަ ހިމެނޭ." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ "ފުށިދިއްގަރު" ފަޅު ހިއްކާ އެމަޝްރޫޢުވެސް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން އެފަޅުން 1280 ހެކްޓަރު ހިއްކާ 11000ގޯއްޗާއި، 26000އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަމަށެވެ. އަދި މިސަރަޙައްދު ބްރިޖުންނާއި، ހައި ސްޕީޓް ފެރީން ގުޅާލައްވާނެކަމަށެވެ.

މީގެއިތުރުން މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދެއްވުމަށް މުއިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރެއްވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ. މީގެއިތުރުން މާލޭގެ ބޭނުން ނުހިފާ ހުރި ބިންތައް ހުސްކޮށް، 2000 ހައުސިން ޔުނިޓް ޤާއިމުކުރެއްވުމަށާއި، އަތޮޅުތަކުގައި ހަައުސިން މަޝްރޫޢުތައް ހިންގެވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

މުޢިއްޒު ވިދާޅުވީ ހުޅުމާލެ އެޗްޑީސީގެދަށުން މިނިވަންކޮށް، ޤާނޫނުގައި ބުނާގޮތަށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެ ކަމަށެވެ.

"ހުޅުމާލެއަކީ ކުންފުންޏެއްގެ ދަށުން ހިންގަންޖެހޭނެ ތަނެއް ނޫން. މިއީ މާލޭގެ ބައެއް. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިނގަންވާނީ. ހުޅުމާލެއިން ބިން ކުއްޔަށް ދީ، މަޝްރޫޢުތައް ހިންގަންވާނީ ކައުންސިލްގެ ދަށުން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އިހަވަންދިއްޕޮޅުގެ "އައި ހެވަން" މަޝްރޫޢު ހަގީގަތަކަށް ހައްދަވާނެކަމަށެވެ. އަދި އުތުރާއި ދެކުނުގައި އިދާރީ މައި ހަބެއް ޤާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ 7 ސަރަޙައްދެއްގައި އަރބަން ސެންޓަރުތައް ތަރައްޤީ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މެނިފެސްޓޯގެ ދެން ހުރި ބައިތައްވެސް ކުރިއަށްއޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމަށެވެ.