ޚަބަރު

ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭ އަންނަ މަހު ބޭނުންކުރަން ފަށަނީ


  • މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު

  • މިހާރުވަނީ ރަންވޭގެ ބޮޑުބައެއްގެ މަސައްކަތް ނިމިފައި

  • ރަންވޭގެ ދެކުނުން 1400 މީޓަރުގެ މަސައްކަތް ނިންމާ އަންނަ މަހު ބޭނުންކުރަން ފަށަނީ

  • މުޅި ރަންވޭ ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު


ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ އެއް ފަޅީގެ މަސައްކަތް ނިންމާ އަންނަ މަހު އެތަން ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

އެކުންފުނިން މިގޮތަށް ނިންމާފައިމިވަނީ މިހާރު ބޭނުންކުރަމުންދާ ރަންވޭގެ އޮޕަރޭޝަންސް އެއްކޮށް މެދުކަނޑާނުލާ އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނީ ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޖެނުއަރީ މަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރަމުންނެވެ. މިމަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ގޮތް ރީޖަނަލް އެއަރޕޯޓްސްއިންވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. މިމަސައްކަތުގެ ތެރެއިން އެންމެ ބާރަށް ކުރިއަށްދަނީ ރަންވޭގެ މަސައްކަތެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އައު ރަންވޭގެ މަސައްކަތް ކުރިއަށްދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ އައު ރަންވޭ ޑިޒައިންކޮށްފައިވާ ގޮތުން މިހާރު ބޭނުންކުރަމުންދާ ރަންވޭ ނަގަންޖެހުމުން އޮޕަރޭޝަން ހުއްޓާލަންޖެހޭތީ އެގޮތަށް އެކަން ނުކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށް ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ޕްލޭންކޮށްފައިވަނީ، މިހާރު ބޭނުންކުރާ ރަންވޭއާއި އައު ރަންވޭ ގުޅޭ ހިސާބުން ފެށިގެން ދެކުނަށް އޮތް ރަންވޭ ބައިގައި ހިމެނޭ 1400 މީޓަރުގެ ސަރަޙައްދުގެ މަސައްކަތް ނިންމާ އެސަރަޙައްދު އޮޕަރޭޝަނަށް ހުޅުވާލުމަށެވެ. އަދި އެއަށްފަހު މިހާރު ބޭނުންކުރަމުންދާ ރަންވޭ ނަގާ އެސަރަޙައްދު ތަރައްޤީކޮށް ރަންވޭގެ ދެފަޅިން މިހާރު ތަރައްޤީކުރަމުންދާ ބައި ގުޅާލާގޮތަށެވެ.

މިމަސައްކަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕްރޮޖެކްޓް ޑިރެކްޓަރ އިންދަރް ސިންގ ވިދާޅުވީ މަސައްކަތުގެ ތާވަލާއެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް އައު ރަންވޭގެ ދެކުނު ފަޅިން ތަރައްޤީކުރާ 1400 މީޓަރުގެ ރަންވޭ ސަރަޙައްދު ހުޅުވޭވަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އައު ރަންވޭގެ ދެކުނުފަޅި ހުޅުވާލުމަށްފަހު ބައު ރަންވޭ ތަޅާލާނީ. މަސައްކަތް ކުރިއަށްދާގޮތުން ޤަބޫލުކުރެވެނީ ރަންވޭގެ މަސައްކަތް އެއްކޮށް ނޮވެމްބަރުމަހަށް ނިމޭނެކަމަށް" އިންދަރް ސިންގ ވިދާޅުވިއެވެ.

މިމަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ސީއޯއޯ އަޙްމަދު އިބްރާހީމް ވިދާޅުވީ ރަންވޭގެ މަސައްކަތް ނިމެންވާއިރަށް ވަގުތީ ޓަރމިނަލް ސެޓަޕެއް ހަދާ އެއަރޕޯޓްގެ ޚިދުމަތް ފުޅާކުރަން ރާވާފައިވާކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެއަރޕޯޓް އޮޕަރޭޝަނަށް ބުރު ނާރުވާ މަސައްކަތް ކުރިއަށް ގެންދިޔުމަށް. އެގޮތުން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް މެންދުރު 2 އިން ދަންވަރު 2އަށް. އެއީ ޗެލެންޖެއް އެހެންނަމަވެސް ފްލައިޓްތައް އެއްކޮށް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ރިސޯޓްތަކުން ވަރަށް ބޮޑަށް އެދޭތީ މިގޮތަށް މިގެންދަނީ." އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

ރަންވޭގެ އިތުރުން އެއަރޕޯޓްގައި ތަރައްޤީކުރާ ޓަރމިނަލްއާއި، ސީޕްލޭން ޖައްސާ ސަރަޙައްދާއި، ފިއުލް ސްޓޯރޭޖާއި، ފަޔަރ ބިލްޑިންގއާއި އެހެނިހެން ސަރވިސް ޢިމާރާތްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އުތުރުގެ މައި އެއަރޕޯޓަކީ ހދ. ހަނިމާދޫގައި އޮންނަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އުތުރުގެ ތަރައްޤީއާއި އެކި ގޮތްގޮތުން ގުޅިފައިވާ މިއެއަރޕޯޓްގެ މަސައްކަތް ސަރުކާރުންވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިމަސައްކަތް 2024 ގެ ނިއަލަށް ނިންމުމަށް އޮތީ ތާވަލުކޮށްފައެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.