ޚަބަރު

ކޮންމެ ތަނަކުންވެސް ބޭސްފަރުވާކުރެވޭނެ އިންޝިއުރަންސް ކާޑެއް ތަޢާރަފްކުރާނަން: ނާޒިމް


  • ކޮންމެ ތާކުހުރެވެސް އެކާޑުން ސިއްޙީ ޚިދުމަތް ހޯދޭނެކަމަށް ވިދާޅުވި

  • އާސަންދައިން އަދިވެސް ގިނަ ބަޔަކަށް ނުފުދޭކަމަށް

  • މާލީގޮތުން އޮތް ދަތިކަމެއް ޙައްލެއް އަންނާނެކަމަށް

މާލީ ތަނަވަސްކަން ނެތްމީހުންނަށް ސިއްޙީ ޚިދުމަތް ލިބިގަތުމަށްޓަކައި، ޚާއްޞަ އިންޝުއަރަންސް ކާޑެއް ތަޢާރަފްކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އާސަންދައިގެ ދަށުން، ބޭސްފަރުވާއަށް ހުރިހާ ޚަރަދެއް ނުކުރެވުމަކީ ގިނަބަޔަކަށް އޮތް މާލީ ގޮންޖެހުމެއްކަމަށެވެ. އެކަމުގެ ސަބަބުން ބޭސްފަރުވާއަށް ގިނަބަޔަކު ސަލާންޖަހަން ޖެހިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި މާލީ ތަނަވަސްކަންނެތްމީހުންނަށް ރާއްޖެއާއިު ރާއްޖެއިން ބޭރުންވެސް އެއްވެސް ދަތިކަމެއްނެތި ބޭސްފަރުވާކުރެވޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ޚާއްޞަ އިންޝިއުރަންސް ކާޑެއް ތަޢާރަފްކޮށް، ކޮންމެ ތަނަކުންވެސް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ކަށަވަރުކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަޢާރަފް ކުރާ އިންޝުއަރެންސް ކާޑުން، މި ރަށުން ފެށިގެން މާލެއަށް، މާލެއިން އެއަރޕޯޓަށް، އެއަރޕޯޓުން ފުރާގެން އެ ބޭނުންވާ ތަނަކަށް ގޮސް، ބޭސްފަރުވާ ކޮށްގެން މާލެއަށް އާދެވޭވަރަށް އެ ކާޑުން، އިންޝުއަރެންސް ކަވަރޭޖް ލިބޭނެ." މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އަންހެނުން ބާރުވެރިކުރުވުމަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ، އަންހެނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދަދޭންޖެހޭ ކަމަށާއި، އަންހެނުންގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ފިރިހެނުންނާއި އެއް ހަމައެއްގައި ފަހިކޮށްދޭން ޖެހޭކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި އެކަން ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޤާނޫނަށް ބަދަލު ގެންނަވައި، ރައްޔިތުންގެ މަޖިލީހުގެ 30 އިންސައްތަ، އަންހެނުންނަށް ޚާއްސަ ކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.