ޚަބަރު

ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


  • ގަމުގައި ތަރައްޤީކުރަނީ 130 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް

  • ގައްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • ދެހޮސްޕިޓަލްގެވެސް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީން

ލ.ގަމުގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، ގދ.ގައްދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިމަސައްކަތްކުރުމަށް ސައިޓު މޮބިލައިޒްކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.

ލ.ގަމުގައި ތަރައްޤީކުރަނީ 130 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. އަދި ގދ.ގައްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިދެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޙަވާލުކުރައްވާފައިވަނީ ސްޕޭންގެ ކުންފުންޏެއްކަމަށްވާ ހޮމްޓް އެސްޕަނިއާއިންނެވެ. އަދި އެކުންފުނިން ވަނީ ދެ ހޮސްޕިޓަލްވެސް ޢިމާރާތްކުރުމުގެ މަސައްކަތަށް އެމްޓީސީސީ ހަމަޖައްސާފައެވެ. މިގޮތުން އެމްޓީސީސީން މިހާރު ސައިޓު މޮބިލައިޒްކޮށް، އަންނަނީ އެ ދެހޮސްޕިޓަލް ތަރައްޤީކުރާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، ދެހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

ލ.ގަމު ޓަރޝަރީ ހޮސްޕިޓަލަކީ 2 ފަންގިފިލައަށް ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. އެއީ 30.68 މިލިއަން ޔޫރޯ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލް ތަރައްޤީކޮށް ނިންމާ 3 އަހަރު ތެރޭގައި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކުރަންޖެހެއެވެ.

ގދ.ގައްދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލަކީވެސް 2 ފަންގިފިލައަށް ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލާއެކު 1 ފަންގިފިލައިގެ އެކޮމޮޑޭޝަން ބްލޮކަކާއި، އިދާރީ މަސައްކަތަށް ޚާއްސަ ސަރވިސް ބްލޮކެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 13.07 މިލިއަން ޔޫރޯ ޚަރަދުކޮށްގެން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ މަސައްކަތް ދެއަހަރާއި ބައިގެ ތެރޭގައި ނިންމާ ސަރުކަރާއި ޙަވާލުކުރަންޖެހެއެވެ. މިމަޝްރޫޢުތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޑޮއިޗަރ ބޭންކްގެ ފަރާތުންނެވެ.

މުޅި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމެކެވެ. އެގޮތުން 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓްލް ތަރައްޤީކުރުމާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ޢިމާރާތްތައް ތަރައްޤީކޮށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.