ޚަބަރު

ކުޑަކުޑަ މޮޅަދޫއަށް ބޭނުންވެފައި އޮތް އެންމެ މުހިންމު 3 މަޝްރޫޢަށް 150 މިލިއަން ރުފިޔާ


  • ފެނަކަ އިންޖީނުގެ އާ އޮފީސް އިމާރާތްވަނީ ނިންމާފައި

  • ފެނާ ނަރުދަމާގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތްވަނީ ނިމިފައި

  • ސްކޫލް އިމާރާތާ ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހއ. އަތޮޅުގައި އެންމެ މަދު އާބާދީއެއް އޮންނަ މޮޅަދޫގައި މި ސަރުކާރުން ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫޢުތަކަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޙަރަދު ކުރާއިރު މިއީ މީގެކުރިން މިފަދަ ކުދި އާބާދީތަކުގައި ދިރިއުޅެމުންދިޔަ ފަރާތްތަކުން ދުވަހަކުވެސް ދެކުނު ކަންކަމެއް ނޫނެވެ.

މޮޅަދޫ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ ކަރަންޓްގެ ވިއުގަ ރަނގަޅުކުރުމުގެ މަސައްކަތާ، މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ހިންގާ ބިޔަ ބޮޑު މަޝްރޫއު އާރުޓީއެލް ސްޕީޓް ފެރީގެ ޙިދުމަތާ، ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތެވެ.

އާބާދީގައި ގާތްގަނޑަކަށް 440 އެއްހާ މީހުން އުޅޭ ހއ. މޮޅަދޫ އަކީވެސް މިދެންނެވި ސިޔާސަތުގެ ދަށުން އަސާސީ ޙިދުމަތައް މިހާރު ފުރިހަމަވެފައި އޮތް ރަށެކެވެ.

މޮޅަދޫ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ލަފާފުރޭނެ ބަނދަރެއް ނެތުމެވެ. މީގެ ކުރިން އެރަށު މީހުން ލަފާފުރުމަށާ އެހެނިހެން ބޭނުންތަކަށް ބޭނުން ކުރަމުން އައީ ފާލަމެކެވެ. ލަފާފުރޭނެ ރަގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ކަނޑު ގަދަ ދުވަސްތަކުގައި މީގެކުރިން ރަށަށް މާލެއިންނާ އެކިތަންތަނުން ގެންނަ މުދާ ބަލާ ދާންޖެހެނީ އެ ހިސާބުގައި އޮންނަ އިހަވަންދޫ އަށެވެ. މުދާބާލާ ދާ ކޮންމެ ދަތުރު 800 އެއްހާ ރުފިޔާ ޙަރަދުވެއެވެ.

މިއީ އެމީހުން އޭރު އުޅުނު ހާލުނަމަވެސް، އައު ބަނދަރާއެކީ އެ އުނދަގޫ މިހާރު ފިލައި ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލަފާފުރޭނެ ބަނދަރެއް ސަރުކާރުން މިރަށުގައި ވަނީ ޤާއިމްކޮށްދެއްވާފައެވެ.

ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން ރައްކާތެރި ފެނާ ނަރުދަމާ ނިޒާމަކަށް މޮޅަދޫ ރައްޔިތުންތިބީ އެދި އެދިއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ބޭނުން ޖެހިފައިއޮތީ ރައްކާތެރި ނަރުދަމާ ނިޒާމަކަށެވެ. އެއީ ގެވަޅުތަކުގައި ޖަންގްޝަންތައް ހަދައިގެން ވަޅުގަނޑުތައް ފުރުމުން އުކާލުމަށާ މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލު ކުރަން ކުރާ ހޭދަ ބޮޑުވުމުންނެވެ.

މީގެ އިތުރުން ދިރުއުޅުމަށް ނަގާފައިވާ ގޯތިން ބޮޑުބައެއް އެކަމަށް ހުސްކުރަންޖެހުމަކީވެސް އެރަށު މީހުންގެ އޮތް ކަންބޮޑުވުންކަމަށް އެރަށުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވިއެވެ.

"އަސާސީ އެއްވެސް ޙިދުމަތެއް މީގެ ފަސްއަހަރު ކުރިއަށްބަލާނަމަ ނުލިބޭ އެހެންނަމަވެސް މިސަރުކާރު ހަވާލުވެ މޮޅަދޫވެސް ބަލައިގަނެ ގިނަ ކަންތައްތަކެއް އަންނަނީ ކޮށްދެމުން ނަރުދަމާ އާ ރައްކާތެރި ފެން ނެތީމަ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި އެހެން ނަމަވެސް މިހާރު ދެން އޮތީ ވަރަށް މަދު ދުވަސްކޮޅެއް އެ ޙިދުމަތް ލިބެން ރައްޔިތުން އެކުރާ އުންމީދު ވަރަށް އަވަހަށް ޙާސިލުވާނެ" މުޙައްމަދު ސިނާދު ވިދާޅުވިއެވެ.

މޮޅަދޫގައި ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރަނީ ފްލެކްސް އިން ކިޔާ ކުންފުޏަކުންނެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ފެނާ ނަރުދަމާގެ ކޮޅުތައް ގެތަކަށް ވެއްދުމުގެ މަސައްކަތެވެ.

މޮޅަދޫ ކައުންސިލުގެ ރައީސް ސިނާދު ވިދާޅުވީ، މި މަސައްކަތްތަކުގެ އިތުރަށް ކުރެހުމަށް އައި ބަދަލާ ގުޅިގެން ފެނާ ނަރުދަމާގެ މައި ހޮޅި ނޭޅި ހުރިމަގުތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށެވެ. އާރުއޯ އިމާރާތަށް ބާލާއިރު އެ އިމާރާތުގައި ކުރަން ހުރީ ފިނިޝިން މަސައްކަތްތަކެވެ. ފެން އުފެއްދުމަށް ބޭނުން ކުރާ ޕްލާންޓްތައް އެރަށަށް ގެންގޮސް އެ ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތައް ރޭވުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެން ދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެރަށުގައި ޒަމާންވީ ކޭބަލް ނެޓްވޯކް ބަދަލުކޮށް ޒަމާނަށް ފެެތޭގޮތައް ސަރުކާރުގެ މިހާރުގެ މޮޑަލްއަށް އައު އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އަޅައި މިހާރު ޙިދުމަތް ދޭން ވަނީ ފަށާފައެވެ.

"މީގެ ކުރިން ރައްޔިތުން އުޅުނީ ވަރަށް ހާލުގައި ބަނދަރެއް ނެތީމަ ވާ އުނދަގޫ އިޙްސާސް ކުރެވޭނީ ބަނދަރެއް ނެތްބަޔަކަށް ކަރަންޓް އަބަދުހެން ކެނޑޭތީ ކަރަންޓްގެ ބައެއް އާލާތްތައް ހަލާކުވެ އެތަކެތި އަބަދު ގަތުމަކީވެސް އަބަދަކު ވާނެނޫންކަން ތި އެންމެންވެސް ޤަބޫލު ކުރާނެކަމެއް، އެހެންނަމަވެސް ސަރުކާރުން މިހާރު އެހުރިހާކަމަކަށް މިވަނީ ހައްލުގެނަސްދީފައި" މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވިއެވެ.

މި 3 ޙިދުމަތް ނެތުމުން މިރަށުގެ ރައްޔިތުން ހޭދަކުރި ހިތްދަތި ދުވަސްތައް މިހާރު ވަނީ ސަރުކާރުން ގެނަސްދިން ތަރައްޤީއާއެކު މާޒީވެ ގޮސްފައެވެ.

މޮޅަދޫ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އެއް ޙިދުމަތަކީ އާރުޓީއެލް ފެރީގެ ޙިދުމަތެވެ. އެއީ މީގެ ކުރިން އެމީހުން އެކިއެކި ބޭނުންތަކަށް އަތޮޅުތެރެއަށް ކުރި އަގުބޮޑެތި ދަތުރުތަކަށް ނިމުން ގެނުވި މުހިންމުކަމަށް ކަމަކަށްވާތީއެވެ.

މި މަޝްރޫޢުތަކުގެ އިތުރުން، އެރަށު ޞިއްޙީ މަރުކަޒުގެ ޙިދުމަތް ފުޅާކުރުމަށް އެކްސްޓެންޝަން ޢިމާރާތަކާއި، ސްކޫލްގެ ޖާގަ ތަނަވަސް ކުރުމަށް ދެބުރީގެ ޢިމާރާތެއް އެޅުމާއި، ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ އެރަށުގައި ސަރުކާރުން ކުރަމުން އަންނަ ބޮޑެތި މަސައްކަތަކެވެ.

މޮޅަދޫއަކީ އާބާދީ މަދުބަޔަކު ދިރިއުޅޭ ރަށެއްނަމަވެސް އެރަށުގައި އަސާސީ ޙިދުމަތްތައް ޤާއިމް ކުރެވިގެން ދިއުމަކީ ރަށަށް ޒިޔާރަތް ކުރާމީޙުންނަށްވެސް ލިބުނު ބޮޑު އުފަލެކެވެ. އަދި މި ޙިދުމަތްތަކާއެކު ރަށަށް ޒިޔާރަތްކުރާ މީޙުންގެ އަދަދުވެސް އިތުރުވަމުން ދާކަމަށް އެރަށު މީހުންބުނެއެވެ.