ޚަބަރު

އައްޑޫ ސިޓީ ހަންކެނޑެ ބްރިޖްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ: ޞާދިޤް


  • ހަންކެނޑެ ބްރިޖްގެ މަސައްކަތް ފެށީ 2021ވަނަ އަހަރު އޮކްޓޫބަރުގައި

  • މިއީ 1.4 ކިލޯމީޓަރުގެ ބްރިޖެއް

  • މި މަސައްކަތް ޑިސެމްބަރަށް ނިންމާ، ޖެނުއަރީ ހިސާބުގައި ބޭނުންކުރަން ހުޅުވާލާނެ

އައްޑޫ ސިޓީ ހަންކެނޑެ ބްރިޖްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ، ޖެނުއަރީ މަހު ބޭނުންކުރަން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހަންކެނޑެ ބްރިޖަކީ، ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، "ހަންކެނޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫގެ ލިންކް ރޯޑް މިހާރު އޮތީ ހަންކެނޑެ ހުރަސްކޮށެވެ. މި ބްރިޖް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، ހަންކެނޑެ ކިޔާ ސަރަޙައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދުމެވެ.

ހަންކެނޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބްރިޖެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ހަންކެނޑެ ބްރިޖްގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އަދި މިހާތަނަށް އައިއިިރު ޕްރޮޖެކްޓްގެ ބޮޑު ބައެއް ނިިމިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖް ގުޅާލުމަށް ޖަހާ ހުރިހާ ތަނބުތަކުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން 148 ތަނބު ވަނީ ޖަހާފައެވެ. ބްރިޖުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ބަޔަކަށެވެ. އެއީ ފަޅުން ހިއްކާފައިވާ ބަޔާއި ސަރަޙައްދުގެ ދެކޮޅުން ބްރިޖު ގުޅުވާލުމެވެ. ޞާދިޤް ވިދާޅުވީ ހިތަދުއިން ގަމަށް ދިމާލަށް އޮންނަ ސަރަޙައްދުގައި، ތަނބުތަކުގެ މަސައްކަތް ނިމި ގުޅާލުމުގެ މަސައްކަތުގެވެސް ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި ބްރިޖް މެދާއި ހަމައިން ފެށިގެން، މަރަދުއަށް ގުޅާލާ ސަރަޙައްދުގައިވެސް، ތަނބުތައް ގުޅާލަން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ޞާދިޤް ވިދާޅުވިއެވެ.

"ޑިސެމްބަރަށް މަސައްކަތްތައް ނިންމުން ޢަމާޒަކީ. ތަނބުތައް ގުޅާލާ ނިމުމާއެކު ބްރިޖްގެ ތާރުގެ މަސައްކަތްވެސް އަދި ކުރިއަށްގެންދާނެ. މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ފެށެންވާއިރަށް މުޅި ޕްރޮޖެކްޓް ނިންމަލުމަށް." ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިގު ވިދާޅުވިއެވެ.

ޞާދިޤު ވިދާޅުވީ އަންނަ ޖެނުއަރީ މަހު، އެމަގު އާއްމުންނަށް ބޭނުންކުރަން ހުޅުވާލެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށެވެ.

އަލަށް ތަރައްޤީކުރާ މަގަކީ، ފުޅާކޮށް 4 ލޭނަށް ހަދާ މަގެކެވެ.

ޞާދިގު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ އައްޑޫ ލިންކް ރޯޑަކީ ދެލޭނަށް އޮތް މަގަކަށްވުމުން އޭގެ ދަތިކަން އޮތްކަމަށެވެ. އެހެންކަމުން ބްރިޖް 4 ލޭނަށް ހެދުމަށް ނިންމީ، ކުރިމަގުގައި ލިންކް ރޯޑް 4 ލޭނަށް ބަދަލުކުރުމުގެ ވިސްނުމާއެކުކަމަށް ޞާދިޤް ވިދާޅުވިއެވެ.

އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިއަން ރުފިޔާ ޚަރަދުކުރެއެވެ.