ޚަބަރު

ތުރާކުނުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢަކީ ބިން ހިއްކުން، ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެއް އަންނާނެ


  • ތުރާކުނު ބިމަށް 8.16 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރު ކުރާނެ

  • ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ

  • މިހާރު ކުރަމުންދަނީ އީއައިއޭ ސާވޭގެ މަސައްކަތް

ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ.ތުރާކުނަކީ އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ރަށެކެވެ. މިއީ ރާއްޖޭގެ ނިސްބަތުން \ވަރަށް ކުޑަ ރަށެކެވެ. ރަށުގައި މިހާރު ހުރި ގޭބިސީގެ އަދަދު 100 އިން މަތީގައި އުޅޭއިރު، ގޯތި ބޭނުންވާ 50 އަށްވުރެ ގިނަ އާއިލާ އެބަތިއްބެވެ. ނަމަވެސް އެ އާއިލާތަކަށް ގޯތިދީ، ބިންހިއްކައިގެން ނޫންގޮތަކަށް ރަށުގެ އިޤްތިސާދު ފުޅާކުރެވޭކަށްނެތެވެ. ވުމާއެކު ތުރާކުނުގެ ބިން އިތުރުކޮށް ބޯހިޔާވަހިކަމާއި އިޤްތިޞާދީ ކަންކަމަށް އޮތް ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކޮށްދެއްވަމުންނެވެ.

ތުރާކުނު ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ފެށުމަށް ހަދަންޖެހޭ އީއައިއޭއާއި ސާވޭގެ މަސައްކަަތް މިހާރު ކުރިިއަށްދާކަމަށް އެމްޓީސީސީ އާ ހަވާލާދީ ތުރާކުނު ކައުންސިލުން ވިދާޅުވެއެވެ.

ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ މަހުގެ 17 ވަނަދުވަހުއެވެ. މިމަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ހިއްކައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 152.04 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުކަމަށް އެމްޓީސީސީ އިން ވިދާޅުވެއެވެ.

ތުރާކުނަށް ބިން އިތުރު ކުރުމުގެ ބޭނުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލުގެ ރައީސް އަލީ އަބްދުއް ލަތީފް ވިދާޅުވީ، ބިންހިއްކުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ބިންހިއްކައިގެން ނޫންގޮތަކަށް ރަށުން އެއްވެސް ކަމަކަށް ބިން ދެވެން ނެތްކަމަށެވެ. ބިންހިއްކުމުގެ މަޝްރޫއާއެކު އެރަށް ދިމާވެފައި އޮތް ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ.

"އުންމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ފެށާ ނިންމާލުން، އެއީ މިރަށުގެ ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އުންމީދަކީ އެއީ ގޯތި ބޭނުންވާ އާއިލާތަކުން އެތިބީ އެދުވަހުގެ އިންތިޒާރުގައި ފަތުރުވެރިކަމަށް ރަށް ފައްކާކުރެވޭނީވެސް އެކަމަށް ބިންތަކެއް ކަނޑައެެޅިގެން އަދި ކަނޑައެޅޭނީ ބިންހިއްކައިގެން" ތުރާކުނު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ އެރަށުގެ ބިން ފުރިފައި އޮތުމުން ގޯތި ދެވޭނެ އެއްވެސް ޖާގައެއް މިހާރު އެރަށުގައި ނެތެވެ. އަލަށް ހިއްކައިގެން އިތުރު ކުރާބައިން ގެވަޅު ދީ ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް ބިންދޫކުރުމުގެ ވިސްނުންގެންގުޅޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ތުރާކުނު ރައްޔިތުންގެ އުންމީދަކީވެސް މީއެވެ. މިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައި އޮތް މިބިޔަ މަޝްރޫގެ އަވަހަށް ނިމި، އެރަށަށް އެތައް ކުރިއެރުންތަކެއް ލިބިގެން ދިއުމެވެ. މިއީ އެރަށުގައި މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ބޮޑު އެއްމަޝްރޫއުއެވެ. ކައުންސިލުން ވިދާޅުވީ ޤައުމީ ދަތުރުފަތުރުގެ ނިޒާމަކުން އެ ސަރަހައްދު ގުލުވާލާފައި އޮތުމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށް މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާކަމަށެވެ. އެކަންކަން އިތުރުކުރެވޭ ބިމާއެކު ކުރެވޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދެވޭނީ ފަތުރުވެރިކަމަށް ބިންތަކެއް ކަނޑައަޅައި، އެބިންތަކުގައި ގެސްޓްހައުސްތައް އިމާރާތް ކުރެވިގެންކަމަށް ކައުންސިލުން ދެކޭކަމަށެވެ.

މީގެކުރީ ސަރުކާރުތަކުން އެރަށަށް ކޮށްނުދޭ އެތައްކަމެއް މިސަރުކާރުން އަންނީ ކޮށްދެމުންނެވެ. އެގޮތުން އެރަށުގެ ޒުވާނުންނަށްޓަކައި ސަރުކާރުން އެރަށުގައި ބޮޑު ފުޓްބޯޅަ ދަނޑަކާ ކުޑަކުދިންނަށް ހާއްސަކޮށް ޕާކެއްވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން އެރަށުގައި ޖާގަ ތަނަވަސް ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ސްކޫލަށް ދިމާވެފައިއޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެބުރީގެ އިމާރާތަކާއި، ފެނަކަ އޮފީސް އެޅުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.