ޚަބަރު

ދެވަނަ ދައުރުގައި ހިންގާ މަޝްރޫޢުތަކަށް ފައިސާ ލިބޭނެކަން ވަނީ ޔަޤީންވެފައި: ރައީސް


  • ދެވަނަ ދައުރުގައި ހިންގާނެ މަޝްރޫޢުތަކަށް ފައިސާ ލިބޭނެކަމަށް ވިދާޅުވި

  • ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ގެންދާނެކަމަށް ވަޢުދުވެވަޑައިގެންނެވި

އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޞަލިޙް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކަންތައްތަކެއް ރާއްވަވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ބޭރުގެ ބޭންކުތަކާއި، ގައުމުތަކުން ހޯދަން ޖެހޭ ފައިސާ ލިބުމުގެ ޔަގީންކަން މިހާރު އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބަށް ކޯލިޝަން ހަދައި ކެމްޕެއިން ފެށި ފަހުން ބޭރުގެ ބައެއް ފަރާތްތަކާ ބައްދަލުވި ކަމަށާއި، އިންތިޚާބާ ބެހޭ ގޮތުން ކަންކަން އޮޅުންފިލުވި ކަމަށެވެ. ކޯލިޝަން ޕާޓުނަރަކީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުކަމަށް ވިދާޅުވުމުން އެކަމާ ހިތްހަމަޖެހި، ކުރިއަށް ދިޔުމަށް އެ ފަރާތްތަކުން އެދުނު ކަމަށް ރައީސް ވިދާޅުވިއެވެ

"އަޅުގަނޑުމެން މި ވައުދުވާ ކަންކަން ފުއްދުމަށްޓަކައި ފައިސާ، ސިޔާމްގެ ސަބަބުން ލިބޭނެ ކަމާ މެދު މިހާރު ޝައްކެއް ނުކުރަން،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ކޯލިޝަނަކީ އެހެން އެއްވެސް އެދުމެއް ނެތި ހަމައެކަނި ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާނެ ކޯލިޝަނެއްކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ކެމްޕެއިން ދަތުރުފުޅުގައި މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ނ. އަތޮޅުގެ ރަށްތަކަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އަންނަނީ ދެވަނަ ދައުރެއްގައި ރަށްތަކަށް ކޮށްދެއްވާނެ ކަންކަން އިޢުލާން ކުރައްވަމުންނެވެ.