ޚަބަރު

ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލްގެ ބިންގާއަޅައިފި


  • ކެނދިކުޅުދޫޣައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • 193 މިލިއަނަށްވުރެ ގިނަ ރުފިޔާ މި މަޝްރޫޢުއަށް ޚަރަދުވޭ

  • އެކަމަޑޭޝަން ބިލްޑިންގއާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް އިމާރާތެއް ހިމެނޭ

ނ.ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ހޮސްޕިޓަލްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކެނދިކުޅުދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. ކެނދިކުޅުދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ދިވެހި ޙަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ޤާސިމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމާއި، އެރަށުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެކުރީ ކޮޅުގައެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. މި މަޝްރޫޢުގެ ދަށުން، އެކަމަޑޭޝަން ބިލްޑިންގއާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގއެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލު މަޝްރޫޢަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ރައްޔިތުންނާ އެންމެ ގާތުން ޞިއްޙީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަޞީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމެނޭއިރު މި މަސައްކަތަށް އެކަނިވެސް 551 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ކުރިއަށްއޮތް ދައުރަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެރަށަށްކޮށްދެއްވާނެ ކަންކަން ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 300 ރޯހައުސް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށު ފުއްޓަރު ފަރާތް ހިމާޔަތްކޮށްދޭނެކަމަށާއި، ސްޕޯޓްސް ކޮމްޕްލެކްޝެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެރަށުގައި ތަރައްޤީކުރި އައު އިންޖީންގެ އާއި ފެނަކަ އޮފީސް އިމާރާތުގެ އިތުރުން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި، ފެންސް ޖަހައި، ލައިޓިންގ ސިސްޓަމާއިއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ސަރުކާރުން ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓޭޑާ ޙަވާލުކޮށްގެންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1720 ކިލޯވޮޓްއެވެ. އިންޖީނުގެ ކުރިން ހުރީ ސްކޫލް ކައިރީގައި ނަމަވެސް އައު އިންޖީނުގެ މިވަނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ކައިރިއަށް ބަދަލުކޮށްފައެވެ.