ޓުއަރިޒަމް

ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރަން ކުރާ މަސައްކަތް


އައިޓީބީ ފެއަރގައި ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވެއްޖެއެވެ. ހާރިސް ވިދާޅުވީ، ފެއަރގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށާއި، މޯލްޑިވިއަން ހޮލިޑޭސްއިންވެސް މިއަދު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް އިތުރުފަތުރުވެރިން ގެނައުމަށް ކަމުގައެވެ.

މިގޮތުން އައިޓީބީ ފެއާގައި 3 ފަރާތަކާއިއެކު ސޮއިކުރެވިފައިވާކަމުގައި ހާރިސް ވިދާޅުވިއެވެ. އޭގެތެރޭގައި ރާއްޖޭގައި އަލަށްހުޅުވޭ ރިޒޯޓަކާއި މިހާރު ހިންގާ ރިޒޯޓެއްގެ އިތުރުން ޑައިވިންއަށް މީހުން ފޮނުވައިދޭ ފަރާތެއް ހިމެނޭ ކަމަށް ހާރިސް ވިދާޅުވިއެވެ. މީގެ އިތުރުން ޔޫރަޕުން ރާއްޖެއަށް ދަތުރުތައް ފެށުމާ ބެހޭގޮތުންވެސް ފެއާރގެ ތެރެއިން މަޝްވަރާ ކުރައްވަމުންގެންދަވާ ކަމަށް ހާރިސް ވިދާޅުވިއެވެ. ހަމަ އެކަނި އޭޝިއާގެ ޤައުމުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފޯކަސް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އެ އާޕޯޓްތައް ނެތް ހިސާބުތަކުގައި ހުރި ރިސޯޓުތަކަށް ސީޕްލޭންގެ ޚިދުމަތް ފެށުމާއި، ފްލީޓަށް ބޯޓު އިތުރު ކުރަން ޖެހުނަށް އެކަންވެސް ކުރައްވާނެކަމަށް ހާރިސް ވިދާޅުވިއެވެ. ސަރަޙައްދުތަކަށް ދަތުރު ފެށުމުގައި ބައްލަވަނީ، ހުޅުވާ ރިސޯޓުތަކުގެ ބެޑް ކެޕެސީޓީއަށް ކަމަށާއި، ކުންފުނީގެ އޮބްޖެކްޓިވްތަކުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނޭ ކަން ހާރިސް ފާހަގަކުރެއްވިއެވެ.