ޚަބަރު

މާގިނަ މެންބަރުންތަކެއް ނުކެނޑޭ، އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނަން: މާރިޔާ


  • ދަ ޑިމޮކްރެޓްސްއަށް މަރުޙަބާ ކިޔާކަމަށް ވިދާޅުވި

  • އެމްޑީޕީ އޮތީ އެކަތިގަނޑެއްކަމަށް ހާމަކުރެއްވި

  • ރިޔާސީ އިންތިޚާބު ބޮޑު ތަނުން އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ވިދާޅުވި

އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓިން ވަކިވެ ސިޔާސީ ޕާޓިއެއް ނުފެއްދިނަމަވެސް އެމްޑީޕީން މާގިނަ މެންބަރުންތަކެއް ވަކިވެފައި ނުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއް މެންބަރުން ޕާޓީން ވަކިވެގެން ދިޔަ ނަމަވެސް އާންމު ގިނަ މެންބަރު ޕާޓީން ވަކިވެފައި ނުވާކަމަށާއި އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިފައިވަނީ މަދު މެންބަރުންކޮޅެއް ކަމަށެވެ. އެކަމުގައި ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވަމުން މާރިޔާ ވަނީ އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާންޖެހޭކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި، އެމްޑީޕީން އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށެވެ.

"އަޅުގަނޑަކަށް ފާހަގައެއް ނުވޭ އެމްޑީޕީން މާ ބައިވަރު މެންބަރުންތަކެއް ކެނޑޭ ކަމަކަށް. އެމްޑީޕީ އޮތީ އެކަތިގަނޑެއްހެން. އެމްޑީޕީ ނަގާނެ ހަމަ ބޮޑުތަނުން މި އިންތިޚާބު" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙުމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެހެން ޕާޓީތަކުން ވެރިކަމަށް އަތުއްވެއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ ނުދައްކާކަމަށެވެ. އަދި އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ރައްޔިތުންނަށް ކޮށްދޭނެ މާގިނަ ކަންތައްތަކެއްގެ ނެތްކަމަށާއި، މެނިފެސްޓޯތަކުގައި ހުރީ ވެރިންނަށް ހެޔޮ ގޮތްތައްތަކެއް ފަހިކޮށްދޭނެ ވާހަކަތައް ކަމަށް ވިދާލުވެ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވިއެވެ.

އެމްޑީޕީ އަކީ އަބަދުވެސް ސިޔާސީ ހުރިހާ ފިކުރަކަށް ވެސް މަރުޙަބާ ކިޔާނެ ޕާޓިއެއްކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީއަށް ދަ ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. މާރިޔާ ވަނީ ދަ ޑިމޮކްރެޓްސް ނަމުގައި އައު ޕާޓީއެއް އުފެއްދުމާއި ގުޅިގެން އެއްވެސް ނުރުހުމެއްނެތް ކަމަށްވެސް ވިދާޅުވެފައެވެ.