ޚަބަރު

ގޮނޑުދޮށް ޙިމާޔަތްކުރުމާއެކު ނަލަ ނަލަ ގާދިއްފުށްޓަށް އިތުރު ފުރިހަމަކަމެއް


  • ރަށްގިރުމުގެ މައްސަލަ ދިމާވާތާ 20 އަކަށް އަހަރުވެއްޖެ

  • ދިޔަވަރު ބޮޑުވާ ގަޑިގަޑީގައި މީހުން ދިރިއުޅޭ ގޭގެއާއި ހިސާބަށް ރާޅުއަރާ

  • ގޮނޑުދޮށް ޙިމާޔަތްކުރަން އެމްޓީސީސީއާއި ޙަވާލުކުރީ 2021 ވަނަ އަހަރު

  • މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައި

  • 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި

ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ތިމާވެށީގެ ރޮނގުން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން މިކަމުގެ ބިރު ކުރިމަތިނުވާ ރަށެއް ރާއްޖޭގައި މިހާރު މަދޭ ބުނުމަކުންވެސް ދޮގަކަށްނުވާނެއެވެ. މިފަދަ އެއް ރަށަކީ ތ. ތިމަރަފުށްޓެވެ.

ކޮޅުމަޑުލު ގާދިއްފުށްޓަކީ ގުދުރަތީ ރީތި ހިތްގައިމު ކަމެއް ލިބިފައިވާ ރަށެކެވެ. 400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ މި ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 13 ހެކްޓަރެވެ.

ރަށުތެރެ ބަލާލުމުން ފެނިގެންދަނީ ރައްޔިތުންގެ ސާދާ ދިރިއުޅުމާއި، މަގުތަކުގެ ރީތިކަމާއި، ސާފުތާހިރުކަމެވެ. ރަށަކީ ބިމުގެ ގޮތުން ކުޑަ ރަށަކަށްވުމާއެކު، ރަށުގެ ހޭޅިފަށާއި ކައިރި ސަރަޙައްދުތަކުގައިވެސް އާއްމުންގެ ގޯތިގެދޮރު އެބަހުއްޓެވެ.

ދުނިޔޭގެ މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން، ގާދިއްފުށީގެ މި ގުދުރަތީ ހިތްގައިމުކަމާއި، ރީތިކަމަށް އެޅިފައިއޮތް އެންމެ ބޮޑު ހިޔަންޏަކީ ރަށްގިރުމުގެ މައްސަލައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގާދިއްފުށީ ކައުންސިލުގެ ރައީސް، ޢަބްދުﷲ ނަސީފް ވިދާޅުވިގޮތުގައި މި ރަށަށް ރަށްގިރުމުގެ މައްސަލަ ދިމާވާތާ މިހާރު 20 އަކަށް އަހަރުވެދާނެއެވެ. ރަށް ގިރުމުގެ ސަބަބުން ބައެއް ގޭގޭގެ އިންވެސް ވަނީ ގެއްލިފައެވެ. އަދި ކުނި ގޮނޑުގެ ގޮތުގައި ރަށުގައި ބޭނުންކުރި ސަރަޙައްދުވެސް ގިރާ، އެކަމުގައިވެސް ބޮޑެތި ދަތިކަން ކުރިމަތިވިއެވެ.

"ރަށްގިރުމުގެ މައްސަލަ މިރަށަށް ހަމަ ވަރަށް ބޮޑަށް ދިމާވޭ. ރަށުގެ ހުރިހާ ދިމާލަކުންހެން ގިރާ. 2000 ގެ އަހަރުތަކުން ފެށިގެންވެސް ގިރަމުން އަންނަނީ އެކި ހިސާބުތަކުގައި. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދިމާވާ ފަދައިން މި ރަށަށްވެސް ވަނީ މި މައްސަލަ ވަނީ ދިމާވެފައި" ނަސީފް ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ، ރަށުތެރެއަށް 25 ހަކަށް ފޫޓުގެ ސަރަޙައްދެއް ވަނީ ގިރާލާފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މީހުން ދިރިއުޅޭ ގޭގެއާއި ހަމައަށްވެސް ރާޅު އަރައެވެ.

މި މައްސަލައަށް ދާއިމީ ޙައްލަކަށް ރައްޔިތުން އެދިއެދި ތިބޭތާ އެތައް ޒަމާނެއްވީފަހުން، އެކަމުގައި ހަޤީޤީ ކުލަ މިހާރު މިވަނީ ޖެހިފައެވެ. ރަށުގެ ރައްޔިތުންގެ މި ޒަމާންވީ ތަކުލީފަށް ނިމުމެއް ގެނައުމަށް މިރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ބޮޑެތި ހުރިހާ މަސައްކަތްތަކެއްހެން އެމް.ޓީ.ސީ.ސީން ވަނީ ނިންމާލާފައެވެ. ބާކީ އޮތީ ބެކްފިލިންގގެ ގޮތުގައި ފަސްއަޅަންޖެހޭ ސަރަޙައްދުގެ މަސައްކަތް ކުރުމެވެ.

ގާދިއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި 500 މީޓަރުގެ ރިވެޓްމަންޓެއް އެމް.ޓީ.ސީ.ސީން ވަނީ ޖަހާފައެވެ. އަދި 15 މީޓަރުގެ ގްރޮއިން ޖަހާ ހުރަސްތޮއްޓެއް ހަދާ ގޮނޑޮދޮށަށް ވެލި އެޅުމުގެ މަސައްކަތްވެސް އެކުންފުނިން ކޮށްފައިވެއެވެ.

މި މަޝްރޫޢާމެދު މި ރަށުގެ ރައްޔިތުންނާއި ކައުންސިލުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ވަކިން ޚާއްސަކޮށް ވިއްސާރަވެ އުދައަރާ ދުވަސްވަރު ރައްޔިތުން އުފުލި ތަކުލީފާއި ކުރިމަތިވި ބިރުވެރިކަން މިހާރު ފިލާފައިވާކަން ގާދިއްފުށިން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ބައެއް އާއްމުންވެސް ފާހަގަކުރިއެވެ.

"އަނެއްހެން ބުނަންޏާ އަޅުގަނޑުމެންގެ ހަޔާތުގައިވެސް ލިބިގެންދާނެ އެންމެ ބޮޑު އެއް އުފަލަށްވެގެންދާނެ. އަޅުގަނޑުމެން ފުރައިގެ ކުދިންވެސް ހަނދާން ހުންނާނެ ރަށުގެ އިރުމަތީ ފަރާތައްވެސް ރާޅުޖަހާ ހަނދާން. އަދިކިރިޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރަށް މި ލިބުނީ. ހަޤީޤަތުގައި މި ރަށުގައި ކުރިން އޮތްވަރަށްވުރެ ބޮޑުކޮށް މި ލިބުނީ މިހާރު" ރަށުން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

ގާދިއްފުށީ ރައްޔިތުންގެ މި ޒަމާންވީ ތަކުލީފަށް ނިމުމެއްގެނެސް، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢު މިރަށުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގެނެއެވެ.

މި މަޝްރޫޢާއެކު ގާދިއްފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އުފާވެރިކަމާއި ތަސައްލީ ލިބިފައިވާކަމަށް ރަށުގެ ކައުންސިލުންވެސް ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.